ގައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫއު ފެށުމަށް ބިން ހަވާލުކުރުން / ފޮޓޯ: ވުޒާރާ
ގއ. ކޮނޑޭގައި ފުޑް ސެކިއުރިޓީގެ ގައުމީ މަޝްރޫއު ފެށުމަށް ބޭނުންވާ ބިން އެރަށު ކައުންސިލުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވިއެވެ. އަދި ގއ. ކޮނޑޭ ކައުންސިލުގެ މެންބަރުން ބައިވެރިވިއެވެ.
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެރަށުު ކައުންސިލްގެ ރައީސް އަހްމަދު އަބްދުލްކަރީމެވެ. މި ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްޓަރީ މުހައްމަދު އަނީސެވެ.
ރާއްޖޭގައި ގައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫއުއެއް އެރަށުގައި ގާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.
ގައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫއު ފެށުމަށް ބިން ހަވާލުކޮށްފައިވާއިރު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަކީ މިއަދުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ވަޒީރު ޑރ. މަރްޔަމް ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ އަޅުގަނޑުމެން ކާބޯތަކެތި ހޯދުމުގައި ބޭރު ގައުމުތަކުގެ މައްޗަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން، ރައީސް ޑރ. މުއިއްޒުގެ ވިޝަންއާ އެއްފަދައިން އަމިއްލަ ފައިމައްޗަށް ތެދުވެ، ކާބޯތަކެތީގެ މިނިވަންކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކާބޯތަކެތީގެ މިނިވަންކަން ހޯދުމަކީ ހަމައެކަނި އިގްތިސާދީ ކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި، ދިވެހި ކާނާގެ ސަގާފަތް ދެމެހެއްޓުމާއި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރި، ދުޅަހެޔޮ މުސްތަގްބަލެއް ކަށަވަރުކޮށްދިނުމުގެ މައްސަލަ."، ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ވަރަށް ފުން މާނައެއް އެކުލެވިގެންވާ ހަގީގަތެއް ކަމަށެވެ. އަދި ދިވެހި މުޖުތަމައުއަށް ބަލާއިރު، އިހުޒަމާނުންސުރެ ދިވެހިން ދިރިއުޅެމުން އައީ އަމިއްލަ ފުދުންތެރިކަމުގެ މައްޗަށްކަމަށާއި ކޮންމެ ރަށެއްގައިވެސް އޮންނަ ދަނޑުބިންތަކާއި، ކަނޑުގެ މުއްސަނދިކަމާއި، ގޯތިތެރޭގައި ހައްދާ ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީއަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް