ދީނީ އިލްމުވެރިޔާ ޝެއިހް ފަރީދު އަވަހަރާވެއްޖެ

ޝެއިހް ފަރީދު

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިހް ފަރީދު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި މެލޭޝިއާގައި ހުންނަވަނިކޮށެވެ. އެނގިފައިވާ ގޮތުގައި ޝެއިހް މެލޭޝިއާއަށް ވަޑައިގެންނެވީ ވެސް މިއަދު އެވެ.

މެލޭޝިއާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެންނެވި ފަރީދު އެއާޕޯޓްގައި ހުއްޓާ ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވެ އެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އަވަހާރަވެފަ އެވެ.

ޝައިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، "ޝައިޚް ފަރީދަކީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިއެކެވެ." އަދި އެއީ ޚުލްޤު ހެޔޮ، އަޅުވެރިއެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ޝައިޚް ފަރީދަކީ އެއް ދުވަސްވަރެއްގައި ޢިލްމުވެރިންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ދަޢުވަތުގެ މަސައްކަތުގައި އެތައް ތުރާލަކާއި ދަތިތަކެއް ކުރިމަތިވިއިރުވެސް ޝައިޚް ފަރީދުގެ އަޒުމަކަށް ގުޑުމެއް އަރުވައެއް ނުލެވުނެވެ. ނަތީޖާއެއްގެ ގޮތުން ޝައިޚްގެ ޢިލްމީ ދަރުސްތަކުގެ މަންފާ އެތައް ބަޔަކަށް ކުރިއެވެ.

ޝެއިހް ފަރީދަކީ މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ޝެއިހް ވަނީ އިސްލާމް ދީނުގައި މަޝްވަރާކުރުމާއި ހިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ.

އެމްޑީޕީގެ ފުރަތަމަ ދުވަސްވަރު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ވެސް ފަރީދު ހަރަކާތްތެރިވި އެވެ. އަދި އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ބަޔާންކުރައްވާފައިވަނީ "ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެކެވެ." ކަމަށެވެ. މާތްﷲ ޝައިޚް ފަރީދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.