ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ
ސައިކަލެއް ވަގަށް ނެގުމުގެ ރެކޯޑު އޮންނަ މީހަކު، މިފަހަރު ސައިކަލަކާއެކީ އަތުލައިގަތުމުން އެއީ ރައްޓެއްސަކު އޭނާ ދުއްވާލަން ދިން ސައިކަލެއް ކަމަށް ބުނެފިއެވެ.
ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ސ. ހިތަދޫ، ތޫނުފިލިގެ، މުހައްމަދު ޝަފީއު (42 އަހަރު)އެވެ. މިދިޔަ ހުކުރު ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، ޝަފީއު ސައިކަލު ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ޝަރީއަތުގައި ޝަފީއު ބުނެފައިވަނީ އޭނާ ދުއްވީ ރައްޓެއްސަކު ދިން ސައިކަލެއް ކަމަށާއި، އެއީ ވަގަށް ނަގާފައިވާ އެއްޗެއްކަން ނޭނގޭ ކަމަށެވެ.
އިންވެސްޓިގޭޝަން އޮފިސަރުގެ ބަހާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައި ވަނީ، ޝަފީއު ބުނާ ރައްޓެއްސަކީ ކާކުކަން އަދި އެ މީހަކާ ގުޅޭނެ ގޮތެއް ޝަފީއުއަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި މިދިޔަ މަހުގައިވެސް ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަނިކޮށް ޝަފީއު ހައްޔަރުކުރި ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ޝަފީއުއަކީ މިފަދަ ކުށްތަކުގެ ރެކޯޑު އޮތް މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ކޯޓުން ކަނޑައަޅާފައި ވެއެވެ. ޝަފީއު ވަނީ ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާކަމަށް ބުނެފައެވެ.
ކޮމެންޓް