ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު
އޭނާގެ ޝަރީއަތް މިއަދު އަލުން ފަށަން ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
ހައިކޯޓުގައި މި ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:00 ގައެވެ.
ޖިހާދު ދިރިއުޅުއްވާ ތަނެއް ނޭނގޭތީ މައްސަލައިގެ ޗިޓު ރައްދު ނުކުރެވިގެން ދައުލަތުން ކޮށްފައިވާ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައި ވަނިކޮށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލަ އަލުން ހައިކޯޓަށް ހުށަހެޅީ މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު ޖިހާދު އަލުން އެނބުރި ރާއްޖެއަށް ވަޑައިގެންނެވުމުންނެވެ.
ދެ ފަހަރެއްގެ މަތިން ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމަށްފަހު، ފަހުން ވަނީ އަލުން މައްސަލަ ބަލައިގަނެފަ އެވެ. މިއީ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި އޮތީ ފުށިދިއްގަރުފަޅާ ގުޅޭ ޖިނާއީ ދައުވާއަކާ ގުޅޭ މައްސަލައެކެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.
ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެނުއަރީ 18، 2013 ގައެވެ. ޖޮއިންޓް ވެންޗާ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް އެއްބަސްވުމުގައިވެ އެވެ. ފުށިދިއްގަރުފަޅު ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
ކޮމެންޓް