ބަންދުން ދޫކޮށްލި އިންޑޮނޭޝިއާގެ ދެމީހުން: ފޮޓޯ/ ފުލުހުން
ދާދި ފަހުން ކަނޑުމަގުން ރާއްޖެ އަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ބިދޭސީ 10 މީހުންގެ ތެރެއިން އިންޑޮނީޝިއާއަށް ނިސްބަތްވާ ދެ މީހަކު ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ޝަރުތުކުރުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ދޫކޮށްލާފައި ވަނީ 25 އަހަރުގެ އެޑްރިއަންސްޔާ އާއި 30 އަހަރުގެ މުޙައްމަދު އިކްބަލް މަކްމުރެވެ.
ވަކިވަކިން ނެރެފައިވާ ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ.
ބަންދުން ދޫކޮށްލި އިކްބަލްއަކީ ބޯޓުގެ ޗީފް އޮފިސަރު ކަމަށްވާއިރު، މި ދެ މީހުން ހައްޔަރުގައި ތިބިއިރު ބަންދާ މެދު ގޮތެއް ނިންމަން ހަ ފަހަރަށް ހުށަހެޅިއެވެ.
މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތު އަމާޒުވާ މުހައްމަދު އިކްބަލް މަކްމުރުއަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ ޗީފް އޮފިސަރެވެ. އޭނާގެ މުއްދަތު ޖެހުމަށް ގެނައި ހަވަނަ ފަހަރު ބަންދުން ދޫކޮށްލީ ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ސީދާ ގުޅުވާލެވޭ ހެއްކެއް ފުލުހުންނަށް ހުށަހަޅައިދެވިފައިނުވާތީ އެވެ.
އެޑްރިއަންސްޔާ އަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ އިންޖިނިއަރެވެ. އޭނާ އާއި މައްސަލައާ ގުޅުވައި ދެވޭވަރުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށް ބަންދުން ދޫކޮށްލި އަމުރުގައިވެއެވެ.
މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗާ، އެ މީހުންނާ ސީދާ ގުޅުވާލެވޭ ހެއްކެއް ނެތް ކަމަށާއި ފިންގަޕްރިންޓެއް ނުވަތަ ޑީއެންއޭއެއް ކަހަލަ އެއްޗެއް ވެސް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު، މަސްތުވާތަކެތި ފެނުނީ ބޯޓު ތެރޭގައި ހުރި އިންޖީނު ރޫމުގެ ތެރޭގައި ހުރި ވަތެއްގެ ތެރެއިން ކަމަށާއި އިންޖީނު ރޫމަކީ އެހެން މީހުންނަށް ވެސް ވަދެ ނިކުމެވޭހެން ހުރިތަނެއް ކަން އައިއޯ ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ.
ސީސީޓީވީ ފުޓޭޖު އަޅުވާފައި ހުންނާތީ އެކަން އިންޖީނު ރޫމަށް ވަދެ ނިކުމެ އުޅޭ މަންޒަރު ފެންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އައިއޯ ބުނެފައިވެއެވެ.
އެއާއެކު، އެ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ގާޒީ ހުސައިން ފާއިޒް ރަޝާދު ކުރެއްވި ހުކުމްތަކުގައި ވަނީ، މީހުން ބަންދުކުރުމަށް ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުންނަން ޖެހޭއިރު، އެފަދަ ހެކިތައް ނެތުމުން ޝަރުތުކުރުމަށް ފަހު ދެ މީހުން ބަންދުން ދޫކޮށްލުމަށް ނިންމާ ކަމަށެވެ.
ކޮމެންޓް