ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ގޭންގު މައްސަލަތަކުގައި އެހެން ފަރާތްތަކަށް އިނގިލި ދިއްކުރެއްވުމުގެ ބަދަލުގައި ރައީސް މުޢިއްޒު އަމިއްލަފުޅަށް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ޕްރޮގްރާމްގައި އުމަރު ނަސީރު ވިދާޅުވީ ރައީސް މުޢިއްޒުގެ ވަށައިގެން ތިއްބެވީ ގޭންގު ކުދިން ކަމަށާއި، އިންތިޚާބުތަކުގައި ރައީސަށް މަސައްކަތް ކޮށްދިނީވެސް ގޭންގުތަކުން ކަމަށެވެ.
"މިއަދު ރައީސް މުޢިއްޒަށް ވަނީ އެ މީހުންނަށް ހިމާޔަތް ދެއްވަން މަޖުބޫރުވެފައި. އެހެންވީމާ އެހެން ބޭފުޅުންނަށް އިނގިލި ދިއްކުރައްވާކަށް ނުޖެހޭ،" އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ނަސީރަކީ 2008 އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުންގެ ތެރެއިން ހަތަރުވަނައަށް ވަޑައިގެންނެވި ބޭފުޅެކެވެ.
ރާއްޖޭގައި ގޭންގު ހަރަކާތްތައް އިތުރުވަމުން ދިއުމާއި ގުޅިގެން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކާ މެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައި އުމަރު ނަސީރު މި ވާހަކަފުޅުތައް ދައްކަވާފައިވަނީއެވެ.
ކޮމެންޓް