ޔުނައިޓެޑްގެ ކެޕްޓަން ފަނާންޑޭޝް ގަންނަން 100 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅަނީ

ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފަނާންޑޭޝް

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފަނާންޑޭޝް ގަންނަން ސައުދީގެ އަލް-ހިލާލުން 100 މިލިއަން ފައުންޑުގެ ބިޑެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

އަންނަ މަހު އޮންނަ ކްލަބް ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ އަލް ހިލާލުން މިވަނީ ފަނާންޑޭޝްއަށް މުހުލަތެއް ވެސް ދީފައެވެ. މިގޮތުން، މިމޭއި މަސް ނިމުމުގެ ކުރިން މިކަމުގައި ގޮތެއް ނިންމުމަށް އެކްލަބުން ވަނީ އެދިފައެވެ.

100 މިލިއަން ޕައުންޑް ޔުނައިޓެޑަށް ދީފައި ފަނާންޑޭޝް ގަނެ އަލް ހިލާލުން އޭނާއަށް ވަރުގަދަ ކޮންޓްރެކްޓެއް ދޭނެ ކަމަށް ބެލެވެއެވެ. މިގޮތުން މި ކޮންޓްރެކްޓްގެ ދަަށުން ހަފްތާއަކުން 7 ލައްކަ ޕައުންޑްގެ މުސާރައެއް އޭނާއަށް ދޭނެއެވެ. އަދި ކްލަބާ ގުޅުނީތީ ދޭ 'ސައިނިންގް' ބޯނަސްގެ އިތުރުން ސީޒަނެއް ފުރިހަމަކޮށްފިއްޔާދޭ 65 މިލިއަން ޕައުންޑްގެ ބޯނަސް ވެސް ކޮންޓްރެކްޓްގައި ހިމެނޭނެއެވެ.

ޔުނައިޓެޑުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއެއް ކަމަށްވާ ފަނާންޑޭޝް ނުވިއްކާނެ ކަމަށް ޔުނައިޓެޑުން ބުނާ ނަމަވެސް މިދިޔަ ބުދަ ދުވަހު އޮތް ޔޫރާޕާ ލީގު މުބާރާތުގެ ފައިނަލުން ޔުނައިޓެޑް ބަލިވުމާއެކު މިވަނީ 100 މިލިއަން ޕައުންޑްގެ ގެއްލުމެއް ކްލަބަށް ލިބިފައެވެ. އަދި ސްކޮޑްގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން ކްލަބަށް މަޖްބޫރުވެފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

މާލީ ފައިދާއެއް ހޯދުމަށް ކްލަބުން އޭނާ ވިއްކާލާނެ ކަމުގެ އިޝާރާތެއް ފަނާންޑޭޝް ވެސް ވަނީ ދީފައެވެ. ޔޫރަޕާ ލީގުގެ ފައިނަލަށް ފަހު ފަނާންޑޭޝް ބުނީ ކްލަބުން މާލީ ގޮތުން ފައިދާއެއް ހޯދުމަށް އޭނާ ވިއްލާލަން ބޭނުންވާ ނަމަ އެކަން އެގޮތުގައި ގަބޫލުކުރާ ކަމަށެވެ.

ޔުނައިޓެޑް މި ސީޒަން ހުސް އަތާ ނިންމާލާ އިރު ސީނިއާ ސްކޮޑްގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ވިއްކައިގެން މާލީ ފައިދާއެއް ހޯދުމުގެ ވިސްނުމެއް އެކްލަބުން ގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.