ޢަހްމަދު ޒަޢީމް
ކްލަބުގެ އިންތިޚާބު ބޭއްވިދާނެކަމާމެދު ސުވާލު އުފެދިފައި ވަނިކޮށް، މިމަހުގެ 13 ވަނަ ދުވަހު ޕޯޓު ރެކްރިއޭޝަން ކްލަބުގެ އިންތިޚާބު ކާމިޔާބު ކަމާއެކު މިވަނީ ބޭއްވިފައެވެ.
މި އިންތިޚާބުގައި ރަޢީސްގެ މަގާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންނަށް ބަލާއިރު ޢަހްމަދު ޒަޢީމްއަކީ ވަރަށް ޒުވާން ހަމައެހާމެ މުވައްޒަފުންނާއި ގުޅޭ އެކުވެރި ހިންގުންތެރި ވެރިއެކެވެ. ގިނަ ޑިޕާޓްމަންޓްތަކެއްގެ އެޗްއޯޑީކަން ކުރައްވާފައިވާ ތަޖުރިބާހުރި ކުޅަދާނަ ޒުވާނެކެވެ. އަދި މިހާރުގެ އެމްޕީއެލްގެ ފެސިލިޓީސް މެނޭޖްމަންޓް ގެ އެޗްއޯޑީވެސްމެއެވެ. ހުސައިން އާމިރަކީވެސް ކާގޯ ޑިޕާޓްމަންޓުން ފެށިގެން ގިނަ ޑިޕާޓްމަންޓްތަކެއްގެ އެޗްއޯޑީކަން ވެސް ކުރައްވާފައިވާ ކުންފުނީގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރައްވައިފައިވާ ތަޖުރިބާހުރި ބޭފުޅެކެވެ. އެގޮތުން ޕޯޓް ކުލަބް ރައިސް ކަމުގެ ނަތީޖާއަށް ބަލާލާއިރު އަޙްމަދު ޒައީމަށް 916 ވޯޓު ލިބުނުއިރު، ދެން ކުރިމަތިލާފައިވާ ހުސައިން އާމިރަށް ލިބިފައިވަނީ 126 ވޯޓެވެ. މިއީ މިހާތަނަށް ޕޯޓް ކުލަބަށް އިންތިޚާބުވި ފަރާތަކަށް ލިބުނު އެންމެ ގިނަ ވޯޓެވެ.
މި އިންތިޚާބުގައި ކްލަބުގެ ރައީސްގެ އިތުރުން، ނައިބު ރައީސްކަމަށް އައްޒާމް ޢަލީ ވަހީދު، ޖެނެރަލް ސެކްރެޓަރީކަމަށް މުޙައްމަދު ބައްސާމް، ސެކްރެޓަރީކަމަށް ޢަލީ މަޢުސޫމް އަދި ޚަޒާންދާރުކަމަށް މުޙައްމަދު މުޢާޒް ވަނީ އިންތިޚާބުވެފައެވެ.
ފާއިތުވި ތިން އަހަރު ޕޯޓު ރެކްރިއޭޝަން ކްލަބުން އެއްވެސް ވަރަކަށް ކުޅިވަރު ޙަރަކާތްތަކެއް ނުހިންގާ، މުވައްޒަފުންގެ ހިތްވަރު އިތުރުކުރުމަށް އެއްވެސް ކުޅިވަރެއް ބޭއްވިފައެއް ނުވެއެވެ. މިކަމުގެ ސަބަބަކީ ކުރީގައި އެ ކްލަބު އެންމެ ފުރިހަމައަށް ނުހިންގުން ކަމަށް ބެލެވެއެވެ. ނަމަވެސް، އަޙްމަދު ޒަޢީމްގެ ލީޑަރޝިޕްގެ ދަށުން ކްލަބުގެ ކުރިމަގު އުޖާލާވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.
"ޒަޢީމް ބޮސް އަކީ އޮފީސް މާޙައުލުގައި ވެސް މުވައްޒަފުންނާ ގުޅިގެން އުޅޭ ވެރިއެއް. އަދި ވެރިއެއްގެ ގޮތުގައި ހުރެގެން ކުޅިވަރުގެ އަދި އިޖުތިމާއީ ހަރަކާތްތަށް ހިންގާ ލީޑަރެއް.، ވޭތުވެ ދިޔަ ތިން އަހަރު ޕޯޓް ކުލަބުގަ ހަރަކާތެއް އަދި އެއްވެސް ކަމެއް ނެތް ، އެހެންނަމަވެސް ޒައީމް ބޮސްގެ ހުނަރުވެރިކަމަށް ބަލާއިރު، ކްލަބުގެ ކުރިމަގު ވަރަށް އުޖާލާވެ ގެއްލިދިޔަ ތިން އަހަރުގެ ބަދަލުގައި މި އަހަރަކީ ވަރަށް ފޯރިގަދަ އަރެއްކަމަށް އަޅުގަނޑުމެން ވަރައް އުންމީދުކުރާހިނދު ގަބޫލުވެސްކުރަން." އެމްޕީއެލްގެ މުވައްޒަފަކާއި ސުވާލު ކުރުމުން ވިދާޅުވިއެވެ. ޕޯޓު ރެކްރިއޭޝަން ކްލަބުގެ އައު ރައީސްގެ ގޮތުގައި އަޙްމަދު ޒަޢީމް އިންތިޚާބުވުމާ ގުޅިގެން، އެމްޕީއެލްގެ މުވައްޒަފުންގެ މެދުގައި އާ ރޫޙެއް އުފެދި، ކުރިއަށް އޮތް ދުވަސްތަކުގައި ކްލަބުގެ ޙަރަކާތްތައް ކުރިއަރައިގެން ދާނެ ކަމުގެ އުންމީދު ބޮޑުވެފައިވެއެވެ.
ޒަޢީމުގެ މުހިންމު ސިފައަކީ ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ ބުރަ މަސައްކަތްތަކެވެ. އޭގެ މިސާލަކީ ޖީބީ ސްޕޯޓްސް ކްލަބްގެ ޗެއަރމަންގެ މަޤާމާ ފުރުއްވަމުންގެންދަވާކަމެވެ.، ކުޅިވަރު ކުރިއެރުވުމަށް އިޚްލާޞްތެރިކަމާއެކު މަަސައްކަތްކުރައްވާ ޒިންމާދާރު ވެރިއެކެވެ.
އޭނާގެ ލީޑަރޝިޕްގެ ދަށުން ޖީބީ ސްޕޯޓްސް ކްލަބުން ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ ތެރޭގައި 20 އަހަރުން ދަށުގެ ބީބީ ފުޓްސަލް މުބާރާތުގެ 2023 ވަނަ އަހަރުގެ ޗެމްޕިއަންކަމާއި، އިބޫޓީ ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަންކަން ހިމެނެއެވެ. އަދި މީގެ އިތުރުން، ބީބީއޯ ބާސްކެޓްބޯޅަ ޗެލެންޖް 2024 ގެ ޗެމްޕިއަންކަމާއި، 7 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަމާއި، 11 ވަނަ ގައުމީ ހޭންޑްބޯލް 1 ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހިމެނެއެވެ.
މި އިންތިޚާބަށްފަހު ޕޯޓު ރެކްރިއޭޝަން ކްލަބުގެ އައު ދައުރެއް ފެށިގެންދާއިރު، އެމް.ޕީ.އެލް ގެ މުވައްޒަފުން ދަނީ ބޮޑެތި އުންމީދުތަކަކާއެކު ކުރިއަށް އޮތް ދުވަސްތަކަށް ތައްޔާރުވަމުންނެވެ. ޒަޢީމްގެ ލީޑަރޝިޕްގެ ދަށުން ކްލަބުގެ ކުރިމަގު އުޖާލާވެ، ގިނަގުނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.
ކޮމެންޓް