ފަނޑިޔާރުން ބަދަލުކުރާ އުސޫލު ބަދަލު ކުރަންޖެހޭ: ނަޝީދު

ކުރީގެ ރައީސް، މުހައްމަދު ނަޝީދު

ރާއްޖޭގެ ވެރިކަން ކުރާ ފަރާތް ބަދަލުވާ ކޮންމެ ފަހަރެއްގައި ފަނޑިޔާރުން ބަދަލު ކުރުމަކީ އާންމު ކަމެއް ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުންގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ މަހާޒް އަލީ އާއި އަޒްމިރަލްދާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، ދެ ފަނޑިޔާރުން ވަކި ކުރީ ޖަވާބުދާރީ ވެވަޑައިގަތުމުގެ ފުރުސަތު ވެސް ނުދީއެވެ.

މި މައްސަލައާއި ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑު ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި ކުރީގެ ރައީސް ނަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލު ކުރުމަކީ އާންމު ކަމެއް ކަމަށެވެ. އެއީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ ނަޝީދު އިތުރަށް ވިދާޅުވީ އެއީ ފެހި ގާނޫނު އަސާ ތަސައްވަރު ކުރި ގޮތް ނޫން ކަމަށެވެ.

އެހެނަސް މި ގާނޫނު އަސާ ބައްޓަން ކޮށްފައި ވަނީ އުންމީދު ކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް ފަދައިން ކަމަށް ނަޝީދު ވިދާޅުވިއެވެ. 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއެކު ސުޕްރީމް ކޯޓު އެކުލަވާލަން ޖެހުނު ނަމަވެސް 2013، 2018 އަދި 2023 ވަނަ އަހަރުގެ އިންތިހާބުތަކަށްފަހު ކޮންމެ ވެރިޔަކުވެސް ފަނޑިޔާރުން ބަދަލުކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއީ ވަރަށް ދެރަ ކަމެއްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ، މިކަން މިހެން ނުވާނެ ގޮތަކަށް ނިޒާމް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ. ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.