މާދަމާއަކީ ރޯދަމަހުގެ ފުރަތަމަދަސް
މާދަމާ އަކީ މި (1446 ވަނަ) އަހަރުގެ ރޯދަ (ރަމަޟާން) މަހުގެ ފުރަތަމަ ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިރޭ ކަނޑައަޅައިފިއެވެ.
އެ ވުޒާރާއިން މިގޮތަށް ކަނޑައަޅާފައި ވަނީ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައެވެ.
މި ޖަލްސާގައި ހަނދު ސާބިތުވިކަން އިޢުލާންކުރައްވާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން ވަނީ އިއްވަވާފައެވެ.
މި ބަޔާނުގައި، ޙިޖްރީ ސަނަތުން 1446 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރްޢީ ހަމަތަކުން ސާބިތުވާތީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލް ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތީން މާރިޗު މަހުގެ 1 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވާކަމަށް ވަނީ ޢިއުލާން ކުރަށްވާފައެވެ.
ރާއްޖޭގެ އިތުރުން ސައޫދީ އަރަބިއްޔާފަދަ ގިނަ އިސްލާމީ ޤައުމުތަކަށް މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓް