ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު
އެމްޑީޕީއަކީ އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، ރީތި ބަހުން ވާހަކަ ދައްކާ ބައެއް ނޫންކަމަށެް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ސައްތާރު ވިދާޅުވީ، ސަރުކާރު ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި އެކު އޮތީ މިއިން ދުވަހަކު ވެސް ގައުމު ދެކެފައި ނުވާވަރުގެ ތަޖުރިބާކާރު ޓީމެއް ކަމަށެވެ. މިއަދު މަގާމުތަކުގައި ތިއްބެވި އިސްވެރިންނަކީ ސައްތާރު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއްގައި ވަގުތުން ޖަވާބު ދެއްވާ ބޭފުޅުންނެވެ. އަދި މިނިސްޓްރީތަކުގެ މެންޑޭޓުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ސިޔާސަތުތައް ކުރިއެރުވުމުގައި އަމަލީ ގޮތުން ބައިވެރިވެ ގާތުން ހުރިހާކަމެއް ބައްލަވާކަމަށް ސައްތާރު ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތާއި ގުޅޭގޮތުން ސައްތާރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު ގައުމު ތައްޔާރުކޮށްފައި އޮތީ ހަ މަސް ދުވަހުގެ ތެރޭގައި ގައުމު ބަނގުރޫޓުކޮށްލުމަށް ކަމަށެވެ. އަދި މި ސަރުކާރުގެ ޓްރާންސިޝަންގެ މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ގިނަ މަސައްކަތްތައްކޮށް، ގަވައިދަށް ބަދަލު ގެނައީ ވެސް ވެރިކަމުގެ ދަހިވެތިކަމުގެ ތެރެއިންކަމަށް ސައްތާރު ވިދާޅުވި އެވެ.
ސައްތާރު ވިދާޅުވީ އެމްޑީޕީ އަބަދުވެސް ބޭނުން ވަނީ ގައުމުގެ ވެރިކަމުގައި ތިބެވޭނެ ގޮތެއްކަމަށާއި، އެހެން ނަމަވެސް ސަރުކާރެއް ހިންގަން ލިބުމުން ގައުމު ހިންގާކަށް އެ ޕާޓީއަށް ނޭނގޭކަމަށެވެ. އަދި ގިނަ ފަހަރަށް އިންތިހާބުތަކުގައި ވެސް ރައްޔިތުން ބޮޑުތަން ނޫނެކޭ ބުނާކަމަށް ވިދާޅުވިއެވެ.
ކޮމެންޓް