ހަރުދަނާ ޖީލެއްގެ ގޮތުގައި ކުޑަކުދިން ބޮޑުކުރުމަކީ ގައުމީ ވާޖިބެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ . މުހައްމަދު މުއިއްޒު

އެކުދިންގެ ކަރާމާތް ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެވެސް ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ. ކުޑަކުދިންގެ ދުވަހުގެ ހެޔޮ އެދުންތައް ހުރިހާ ކުޑަކުދިންނަށް އަރިސްކުރަމުން ރައީސް ވަނީ އެކުދިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މިއީ އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބެހައްޓަން ވާނެކަމަށާއި، ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.

އަދި އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން އަޒުމު ކަނޑައެޅުމަށާއި، ފަރުޟު ފަސްނަމާދު ކުރުމުގެ އިތުރުން ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށްވެސް ރައީސް ވަނީ ކުޑަކުދިންނަށް ނަސޭހަތްތެރި ވެފައެވެ. މީގެއިތުރުން ރައީސް ވިދާޅުވީ މަންމަ ދެކެ ލޯބިވާ ފަދައިން ގައުމުދެކެވެސް ލޯބިވާން ވާނެ ކަމަށެވެ.

އެއާއެކު ރައީސް ވަނީ ކުޑަކުދިން ނޭދެވޭ ކަންކަމުން ދުރުކޮށް، ގޭތެރެއާއި މަގުމައްޗާއި އަދި މިނޫން ކޮންމެ ތަނަކުންވެސް އެކަކު އަނެކަކަށް އިހުތިރާމް ކުރާ އަހުލާގު ރަނގަޅު ކުދިންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެފައެވެ. އަދި ޒަމާނަށް ހޭލުންތެރި ރަނގަޅު ތައުލީމާއި ތަރުބިއްޔަތުގައި ކުދިން ބޮޑުކުރުމަށްވެސް ރައީސް ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކަކާއެކު ކުޑަކުދިންނަށް އުފާވެރި މާހައުލެއް ފޯރުކޮށްދިނުމަށް އެކިއެކި މުއްސަސާތަކުން ކޮންމެ އަހަރަކުވެސް ތަފާތު އިވެންޓުތައް ބާއްވައެވެ. އެގޮތުން މި އަހަރު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މާލޭގެ 5 ސަރަހައްދެއްގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ރަސްފަންނާއި، ހެންވޭރު ދަނޑުގެ އިތުރުން ޖުމްހޫރީ މައިދާނާއި، ސެންޓްރަލް ޕާކު އަދި މުހިއްޔުއްދީން ސުކޫލުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.