ގާލް ގައިޑް
ތިނަދޫ ސިޓީ، ތިނަދޫ ސްކޫލުގެ ގާލްގައިޑް އަދި ސްކައުޓް ކޭމްޕުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ކާޑެއްދޫ ޕޯސްޓުން ޓީމް ބިލްޑިންގ އިވެންޓެއް ކުރިއަށް ގެންގޮސްދީފިއެވެ.
މި މަހުގެ 25 އިން 26 އަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި، ތިނަދޫ ސްކޫލުގެ 16 ސްކައުޓުންނާއި 15 ގާލްގައިޑުން ބައިވެރިވެފައިވެއެވެ. މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ޓީމް ވޯކްއާއި، ލީޑަރޝިޕް އަދި މުއާމަލާތުކުރުން ފަދަ މުހިންމު ސިފަތައް އިތުރަށް ހަރުދަނާކުރުމެވެ.
ކޭމްޕުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ބިލްޑަރސް އެންޑް ބުލްޑޯޒަރސް، ކޯން ޕިކް، ޖަމްޕް އިން ޖަމްޕް އައުޓް، ބޯލް ޕިކް ޔޫސިންގ ބާބެކިއު ސްޓިކް، ލައިންޑް ބޯލް ޕާސް، ކޮމިއުނިކޭޝަން ޗެއިން، ވޯޓަރ ބަކެޓްސް، ބޯލް ރޭސް އަދި ކެޓަޕިލަރ ފަދަ ހަރަކާތްތައް ހިމެނެއެވެ.
ޓީމުތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ އިސްތިރާޖީ ވިސްނުމާއި، މައްސަލަ ހައްލުކުރުމުގެ ހުނަރު އަދި ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުވެގެން ދިޔައެވެ.
މި އިވެންޓް ކުރިއަށް ގެންދިއުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ. ކާޑެއްދޫ ޕޯސްޓުގެ ސިފައިން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މިފަދަ ހަރަކާތްތަކަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ހަރަކާތްތަކެއް ކަމުގައި ފާހަގަކުރެވެއެވެ.
ކޮމެންޓް