ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައްޔިތުންގެ މަޖިލީހަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އިންތިހާބުވީ އެމަނިކުފާނުގެ ވެސް އެންޑޯސްމަންޓާއި އެކުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުން އެއް ދުވަހުގެ ތެރޭގައި ނިންމާލުމަކީ އެއީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދެކޮޅު ހެދިކަމަށް ވާހަކަ ދެކެވުނު ނަމަވެސް ފާޅުގައި އެ ބިލާއި ދެކޮޅަށް ވާހަކަ ދެއްކެވީ އަޒާން އެކަންޏެވެ. އަދި އިސްލާހަށް ވޯޓަށް އެހުމުގެ ކުރިޔަށް ތަޅުން ދޫކޮށް ގޮސްފައިވާތީއާއި، މިއީ ރަނގަޅު އިސްލާހެއްކަމަށް ގަބޫލު ނުކުރެވޭތީ އަޒާންގެ ފަރާތުން ބަޔާނެއް އާންމު ކުރުމުން ރައިސްއާއި ދެމެދު ގުޅުން ގޯސްވެފައިވާކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ.
ރައީސް މުއިއްޒާއި މަޖިލިސް މެމްބަރުން ދެމެދު ގުޅުން ރަނގަޅުތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެއާއި އެކު ދެން ނޫސްވެރިޔާ ސުވާލު ކުރީ އަޒާންއާއި ގުޅޭ ގޮތުންނެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ އަޒާން އެމަނިކުފާނާއި ވާހަކަ ނުދައްވާތާ ދުވަސްތަކެއްވެފައިވާކަމަށެވެ.
ރައީސް ވިދާޅުވީ އަޒާން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ އެމަނިކުފާނު އޭނާ އެންޑޯސްކޮށް ކުރެއްވި މަސަައްކަތުން ކަމަށެވެ. އަދި ރެއާއި ދުވާލު އަޒާން އެ މަގާމަށް ގެނައުމަށް މަސައްކަތް ކުރީ ޕީއެންސީގެ ފުލް ސެޓްއަޕްއާއި ވަސީލަތް ބޭނުންކޮށްގެންކަމަށް ވިދާޅުވި އެވެ.
އަޒާންއަކީ މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ހައްގުތަކަށް ވަކާލާތު ކުރަމުން އައި ފަރާތެކެވެ. އަދި މެމްބަރަކަށް ވުމަށް ފަހު ސަރުކާރުގެ ބައެއް ކަންކަމުގައި ހިޔާލުތަފާތުވާތީ އެކަން ވެސް އަޒާން ފާހަގަކުރެއްވި އެވެ.
ކޮމެންޓް