އަމިއްލަ ހަރަދުގައި އިސްލާމީ ތައުލީމު އުނގެނި މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީ ދެނީ

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު

ޒަކާތު ފަންޑުގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި ހަފްތާގައި ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމީ އިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓާ އަދި ޕީއެޗްޑީގެ ގިނަ ފުރުސަތުތަކެއް ހުޅުވުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުން މިސްރާއި ސައުދީ ފަދަ ގައުމުތަކުގައި އަމިއްލަ ހަރަދުގައި އިސްލާމީ އިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ދިނުމަށް ނިންމާ އެކަންވެސް އިއުލާންކުރައްވާނެކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

ރާއްޖޭގައި މެޑިސިންގެ ދާއިރާއިން ސުޕާ ސުޕެޝަލިސްޓުން ނެތް މުހިންމު ބައެއް ދާއިރާތަކަށް އެހީދިނުމަށް ނިންމާފައިވާކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން މި ފުރުސަތުތަކަށް ފަންޑުކުރެވިގެންދާނެ ކަމަށެވެ. "ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަސްރެއް." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ހާފިޒުން އުފެއްދުމުގެ މަޝްރޫއުތަކަށް ވެސް ޒަކާތު ފަންޑު ހަރަދުކުރެވިގެން ދާނެކަމަށެވެ. އަދި މިކަންކަމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ހޭދަކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2024 ވަނަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވާއިރު މިއީ ދިވެހި ތާރީހުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 2025 ގެ ފުރަތަމަ ކުއާޓަގައި 34 މިލިއަންވަނީ ލިބިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިއަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ވެސް ލިބުނު އަހަރުކަމަށެވެ.މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ފަގީރުންގެ މެދުގައި ފިތުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހިގެން ދިޔަ އަހަރުކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.