ޕީއެސްޖީއިން އެސްޓަން ވިލާ ބަލިކޮށްފި

ޕީއެސްޖީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އިން އެސްޓަން ވިލާ 3-1ގެ ނަތީޖާއަކުން ބަލިކޮށްފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް، އެސްޓަން ވިލާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު އެސްޓަން ވިލާއިން ކާމިޔާބުކުރީ 35 ވަނަ މިނެޓު ގައެވެ. ޔޫރީ ޓިއެލެމަންސް ނަގައިދިން ހުރަހަކުން މޯގަން ރޮޖާސް ވަނީ ވިލާއަށް ކުރި ހޯދައިދީފަ އެވެ. ނަމަވެސް އެސްޓަން ވިލާއިން ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން، އޭރިއާ ބޭރުން ފޮނުވާލި ވަރުގަދަ ޝޮޓަކުން ޑިސަޔާ ޑޯއޭ ވަނީ ޕީއެސްޖީއަށް ގޯލެއް ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އެންމެ ހަތަރު މިނެޓުގެ ތެރޭގައި ޖިއޯޖިއާގެ މިޑްފީލްޑަރު ކަވީޗާ ކްވަރަޓްސްކޭލިއާ ވަނީ އިތުރު ލަނޑެއް ޖަހައި ޕީއެސްޖީއަށް ކުރި ހޯދައިދީފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ނޫނޯ މެންޑޭޒް ވަނީ ތިންވަނަ ލަނޑު ޖަހައި ޕީއެސްޖީގެ ލީޑް ފުޅާކޮށްފަ އެވެ.

ޕީއެސްޖީ އިން މި މެޗުގައި ޖުމްލަ 29 ހަމަލާ އުފައްދާފައިވާއިރު އޭގެ ތެރެއިން 10 ހަމަލާ ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.

މި ނަތީޖާއާއެކު އަންނަ ހަފްތާގައި އެސްޓަން ވިލާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި އިނގިރޭސިވިލާތުގެ ވިލާއަށް ސެމީފައިނަލަށް ދިއުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެ އެވެ. އެސްޓަން ވިލާއަށް ދެން ކުރިއަށް ދެވޭނީ މަދުވެގެން ތިން ލަނޑުގެ ކުރިއެރުމެއް ހޯދައިގެންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.