ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގައި ކުރިއަށްދިޔަ ކޮމެޓީ ރިޕޯޓެއްގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހަޅުއްވާފައިވާ މައްސަލަ އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ މަޖިލިސް ކޮންޓްރޯލްކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
"އިއްޒަތްތެރި ރައީސަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މި މަޖިލީހަކީ މިހާރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގައި ވަކިން ހާއްސަކޮށް ރައީސަކީ (މަޖިލީހުގެ ރައީސް) ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލްގައި އިންނެވި ބޭފުޅެއް. ބޮޓުންތަކެއް އޮޕަރޭޓްކުރާ ގޮތަށް މިތަން މި އޮޕަރޭޓްކުރަނީ..." މައުރޫފު ޒާކިރު ވިދާޅުވި އެވެ.
މައުރޫފު އެހެން ވިދާޅުވުމުން އަބްދުއްރަހީމް ވަނީ މައުރޫފުގެ ވާހަކަ މެދުކަނޑާލައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިހާނެތިކޮށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންނެވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލިސް ހިންގަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ކޮމެންޓް