ލިވަރޕޫލް ކުޅުންތެރިން
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުންއަރާ ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި 16 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއިނެނެވެ.
މި ސީޒަން ފެށުނީއްސުރެ ލީގުގައި އަދި ޗެމްޕިއަންސް ލީގުގައި ވެސް ވަރަށް ފޯމެއްގައި ކުޅެމުން އައި ލިވަޕޫލަށް، ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީއާއި ދެކޮޅަށް މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން މިވަނީ އެ ޓީމްގެ އަސްލު ކުޅުން ތަކުރާރުކޮށް މޮޅުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ސައުތެމްޓަންގެ ވިލް ސްމޯލްބޯން ވަނީ ލަނޑެއް ޖަހާ ލިވަޕޫލް ސިއްސުވާލާފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވެންޑައިކް ކީޕަރު އެލިސަންއަށް ދޫކޮށްލައިގެން ހުރި ބޯޅައެއް އޭނާއަށް ލިބުމުގެ ކުރިން ސްމޯލްބޯލް އަތުލާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ލިވަޕޫލުން ދެވަނަ ހާފަށް ނުކުތީ ބަދަލުތަކަކާއިއެކުއެވެ. އެގޮތުން ސޮބޮޒްލާއި އާއި ކާޓިސް ޖޯންސްގެ އިތުރުން ސިމިކަސްގެ ބަދަލުގައި އެލެކްސިސް މެކަލިސްޓާ އާއި އެލިއޮޓްގެ އިތުރުން އެންޑީ ރޮބަޓްސަން ވަނީ ކުޅެން އަރުވާފައެވެ. އަދި މި ބަދަލުތަކާއިއެކު ލިވަޕޫލްގެ ކުޅުން އިތުރަށް ރަނގަޅުވިއެވެ.
ލިވަޕޫލުން ވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލުއިސް ޑިއާޒްގެ އެސިސްޓަކުން ޑާވިން ނޫނޭޒްއެވެ.
އަދި އޭގެ ތިން މިނިޓު ފަހުން ސައުތެމްޓަންގެ ސްމޯލްބޯލް އޭރިޔާ ތެރެއިން ޑާވިން ނޫނޭޒް އަށް ފައުލް ކުރުމާއި ގުޅިގެން ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ލިވަޕޫލް އަށް ކުރި ހޯދަދީފައެވެ.
މި މެޗުގައި ލިވަޕޫލް އިން ޖެހި ތިންވަނަ ލަނޑަކީވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 27 ވަނަ ލަނޑެވެ.
މި މެޗުން މޮޅުވުމާއިއެކު ލިވަޕޫލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 16 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް އާސެނަލަށް 27 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.
ކޮމެންޓް