ފޮރެސްޓުން ފަހުވަގުތު ސިޓީ ބަލިކޮއްފި

ނޮޓިންހަމް ފޮރެސްޓާ ކުޅުމްތެރިން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް ފަހު ދިހަމިނެޓްތެރޭ ލަނޑު ޖަހައިގެން ފޮރެސްޓުން ސިޓީ ބަލިކޮށްފިއެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ސިޓީގެ މައްޗަށް ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއިންނެވެ.

މި މެޗުން ބަލިވުމާއިއެކު ސިޓީއަށް ވަނީ ޕޮއިންޓް ތާވަލުގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ވެއްޓުމުގެ ބިރާއި ކުރިމަތިވެފައެވެ. ސިޓީ މިވަގުތު ހަތަރުވަނާގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 47 ޕޮއިންޓާއިއެކުއެވެ. ފަސްވަނާގައި ޗެލްސީ އޮތީ ސިޓީއަށްވުރެ އެއް މެޗު މަދުންކުޅެ 46 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އަމިއްލަ ދަނޑުގައި ޗެލްސީ ބައްދަލުކުރާނީ ލެސްޓާސިޓީއާއެވެ. އެ މެޗު ކާމިޔާބުކޮށްގެން ހަތަރުވަނައަށް ޖެހިލުމުގެ ފުރުސަތު ޗެލްސީއަށް ވަނީ ފަހިވެފައެވެ. ރޭ މެޗުން މޮޅުވި ފޮރެސްޓް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 28 މެޗުން ވަނީ 51 ލިބިފައެވެ.

ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތްމިނެޓަށް ވެފައި ވަނިކޮށް ފޮރެސްޓަށް ޖަހައިދިނީ އޮޑޯއީއެވެ. މިއީ ފޮރެސްޓުން 1997 ވަނަ އަހަރަށް ފަހު ސިޓީ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ބްރައިޓަން އާއި ދެކޮޅަށް އަންނަ ހާފްތާގައި ކުޅޭ މެޗުން ފެށިގެން އެ ޓީމަށް ލީގުގައި ދެން އޮތީ 10 ފައިނަލް މެޗު ކަމަށެވެ.

މިއީ ލީގުގައި މި ސީޒަންގައި ސިޓީ ބަލިވި ނުވަވަނަ މެޗެވެ. މިއީ ގާޑިއޯލާ އެ ޓީމާއި ހަވާލުވީ ފަހުން އެންމެ ގިނައިން ލީގުގައި ބަލިވިފަހަރެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.