ހދ. ވައިކަރަދޫ ފެނަކަ
ހދ. ވައިކަރަދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުން ވަނީ އެ ބްރާންޗްގެ މެނޭޖްމަންޓާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ކަންބޮޑުވުންތައް ފާޅުކުރަނީ ސްޓޭޝަން މެނޭޖަރުގެ މަޤާމަށް ޝަހީދާ ޢަބްދުﷲ އައްޔަންކުރުމަށްފަހު ދިމާވަމުންދާ މައްސަލަތަކާ ގުޅިގެންނެވެ.މުވައްޒަފުން ފާހަގަކުރާ ގޮތުގައި، ޝަހީދާ އަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތެއް ކަމަށާއި، އޭނާ މަޤާމާ ހަވާލުވުމަށްފަހު ބްރާންޗްގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މީގެ ތެރޭގައި ސިޔާސީ ބޭނުމަށް އިތުރު މުވައްޒަފުން ނެގުމާއި، މުވައްޒަފުންނާމެދު ގަވާއިދާ ޚިލާފަށް ޢަމަލުކުރުން ހިމެނެއެވެ.
ކުރިން 30 މުވައްޒަފުން މަސައްކަތްކުރަމުން އައި ބްރާންޗްގައި މިހާރު 40 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށް ފާހަގަކުރެވެއެވެ. އަދި މުވައްޒަފުންނަށް އިންޒާރުދިނުމާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން އުނދަގޫކުރުން ފަދަ ކަންކަން ހިނގަމުންދާކަން ވެސް ފާހަގަކުރެވެއެވެ.
މުވައްޒަފުން ބުނާ ގޮތުގައި، ވަޒީފާއާ ގުޅޭ ކަންކަމުގައި މުވައްޒަފުންނާމެދު ތަފާތުކުރުންތައް ގެންގުޅެމުންދާ ކަމަށާއި، މުސާރައިގެ ކަންކަމުގައި ވެސް އިންސާފުވެރިކަން ގެއްލިފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ އަމިއްލަ މަޢުލޫމާތުތައް ހާމަކުރުމާއި، ސޮއިކުރުމަށް މަޖުބޫރުކުރުވުން ފަދަ ކަންކަން ވެސް ހިނގަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން ބައެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިވެފައިވާ ކަމަށާއި، އިތުރު މުވައްޒަފުންތަކެއް ވަޒީފާއިން ވަކިވުމަށް ތައްޔާރުވަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި މައްސަލައާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، މި ވަގުތު އެ ކުންފުނިން އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް