ބަނޑިދޫ ބިން ހިއްކުން އަންނަ އަހަރު ފަށާނަން: ރައީސް

ދ. ބަނޑިދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަފުޅު ދައްކަވަނީ

ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ބަނޑިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައިސް މުއިއްޒު ވިދާޅުވީ، ބަނޑިދޫގައި މިވަގުތު އޮތް ޖާގައިގެ ދަތިކަމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރުން ނުރައްކާތެރި ބައެއް މަސައްކަތްތައް، އެހެން ސަރަހައްދަކަށް ބަދަލުކުރަން ދަތިވެފައިވާ ކމަށެވެ. އެގޮތުން ފައިބަރު މަސައްކަތާއި، ކުނި ކޮށި ފަދަ ތަންތަން އެހެން ސަރަހައްދަކަށް ބަދަލުކުރެވޭނެ ގޮތަށް އެ ރަށުގެ ބިން ބޭނުންކުރާ ގޮތުގެ ޕްލޭން މުރާޖާ ކުރުމަށް އެ ރަށު ކައުންސިލްގެ ފަރާތުން ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. ކައުންސިލުން މި މަސައްކަތް ފުރިހަމަ ކުރުމުން، އެ ޕްލޭންގައި ކުލަޖައްސައިދީ ކަންކަން ބައްޓަން ކޮށްދެއްވުމުގެ މަސައްކަތް ފައްޓަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފައްޓާވާނެ ކަމަށާއި އެ ރަށުގެ މަސްވެރިންނާއި އޮޑިވެރިން އެދޭ ގޮތަށް، އެ ރަށު ބަނދަރުގެ ބޭރު ތޮށި ބަދަލުކޮށްދެއްވައި ޖާގަ އިތުރުކޮށް ދިނުމުގެ މަސައްކަތް ވެސް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ބޭކާރު ހަރަދެއް ނޫން ކަމަށާއި، ދުރު ރާސްތާއަށް ބަލާއިރު ވެސް، އެ މަސައްކަތް ވެގެންދާނީ ރަށަށްޓަކައި ކުރެވޭ ބޮޑު ވުނައަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަސްވެރިކަމާއި އެ ނޫންވެސް ރަށުގެ ސިނާއަތްތައް ކުރިއެރުވުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ދެއްވިއެވެ.

މީގެ އިތުރުން ބަނޑިދޫގެ ސްކޫލާއި ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް މި އަހަރަށް ތާވަލުކޮށްފައިވާ ކަމަށާއި، ޒުވާނުންގެ މަރުކަޒުގެ ފިޓްނަސް ރިކްރިއޭޝަން ސެންޓަރު ފަދަ، ކުރިން ފެށުމަށްފަހު އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ލަސްވެގެން މަހެއްހާ ދުވަހުގެ ތެރޭގައި އަލުން ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.