ބަޔާންގެ އާ ކޯޗަކަށް ކޮމްޕެނީ ހަމަޖައްސައިފި
ޖަރުމަނު ބުންޑެސްލިގާގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމުގައިވާ ބަޔާން މިޔުނިކްގެ އާ ކޯޗަކަށް ވިންސެންޓް ކޮންޕެނީ ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޔާނުން ކޮންޕެނީ އެ ޓީމަށް ގެނެސްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 38 އަހަރުގެ ކޮމްޕެނީ ބަޔާން އާއި ހަވާލުވެފައި މިވަނީ އެ ޓީމުގައި ނިމިދިޔަ ސީޒަންގައި ހުރި ޖަރުމަނު ކޯޗު ތޯމަސް ޓުކެލް ސީޒަން ނިމުމާއެކު ކްލަބް ދޫކޮށްލައިފާވުމުންނެވެ.
ކޮމްޕެނީ ބަޔާންއަށް ގެންދިއުމަށް ޓަކައި ބަޔާނާއި ކޮމްޕެނީ ނިމިދިޔަ ސީޒަންގައި ކޯޗު ކޮށްދިން ބާންލީއާއި ދެމެދު ކޮމްޕެންސޭޝަން ފީ އެއްގެ ގޮތުގައި 10.2 މިލިއަން ޕައުންޑަށް އެއްބަސްވެވުމާއި އެކުއެވެ.
ކޮމްޕެނިގެ ކޯޗު ކަމުގެ ދަށުން ނިމިދިޔަ ސީޒަން ބާންލީ ނިންމާލީ އިންގްލިޝް ޕްރިމިއާ ލީގުގެ 19 ވަނައިގައި އޮވެއެވެ. އަދި މިއާއެކު އެ ޓީމު މި އަންނަ ސީޒަންގައި ފެނިގެންދާނީ ޗެމްޕިއަންޝިޕުންނެވެ.
ނަމަވެސް 2022-2023 ވަނަ އަހަރުގެ ސީޒަންގައި ބާންލީވަނީ ކޮމްޕެނީގެ ކޯޗުކަމުގެ ދަށުން ވަރަށް ފުރިހަމަ ކާމިޔާބީ އަކާއެކު ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ޕްރިމިއާ ލީގުން ޖާގަ ހޯދައިފައެވެ.
ނަމަވެސް އެ ކުޅުން އެޓީމަށް މިދިޔަ ސީޒަންގައި ތަކުރާރު ކުރެވޭގޮތެއް ނުވިއެވެ. މިއާއެކު ވެސް ބާންލީ ފެނިގެންދިޔައީ ބެލުން ތެރިން ބަލާހިތްވާ ކަހަލަ ކުޅޫމެއް ކުޅެވޭތޯ މަސައްކަތް ކުރި ޓީމެއްގެ ގޮތުގައެވެ.
ބާޔާންގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ކޮމްޕެނީ ހާމަކުރި ގޮތުގައި ބަޔާން ފަދަ ކްލަބެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިއުން މިއީ އޭނާއަށް ލިބިގެންދާ ބޮޑު ޝަރަފެއް ކަމުގައެވެ.
އަދި ބަޔާނަކީ ބައިނަލްއަޤްވާމީ ފުޓްބޯޅައިގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ކްލަބެއް ކަމުގައިވެސް އޭނާ ފާހަގަ ކުރިއެވެ. ކޮމްޕެނީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭނާ ކުޅުން ހުއްޓާލައިފާވަނީ 2020 ވަނަ އަހަރެވެ.
އަދި އޭއާއެކު އޭނާ ކޯޗިންގެ ދާއިރާއިން އެންމެ ފުރަތަމަ ފެނިގެންދިޔައީ ބެލްޖިއަމްގެ އެންޑަލެކްޓްއިންނެވެ. އަދި ބާންލީ އާއި ގުޅިފައިވަނީ 2022 ވަނަ އަހަރުއެވެ. އަދި ފުރަތަމަ އަހަރު އޭނާގެ ކޯޗު ކަމުގެ ދަށުން ބާންލީ ޕްރިމިއާ ލީގުން ޖާގަހޯދިއެވެ.
ކޮމްޕެނީ މިދިޔަ އަހަރު ވަނީ ބާންލީއާއެކު ހަދާފައިވާ އެއްބަސްވުން ފަސް އަހަރަށް އިތުރުކޮށް އެއްބަސްވުން އާކޮށްފައެވެ. ނަމަވެސް ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު ފަހު މެޗަށްފަހު އޭނާގެ މުސްތަގްބަލާ ގުޅޭގޮތުން ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ދީފައެއް ނުވެއެވެ.
ބާންލީއިން ހާމަކުރި ގޮތުގައި ކުރިއަށް ސީޒަންގައި ކޮމްޕެނީ އެ ޓީމާއެކު ހުންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ނަމަވެސް މިދިޔަ ދެތިން ހަފްތާގެ ތެރޭގައި ކަން ހިނގާދިޔަގޮތުން އޭނާ ޓީމުގައި ބެހެއްޓޭ ގޮތް ނުވީކަމަށެވެ. އަދި އޭނާއަށް ލިބިގެންދިޔަ ފުރުސަތުގެ ބޮޑު ކަމާއި އޭނާގެ ޚިދުމަތަށް އެދުނު ކުލަބްގެ ހައިބަތު ވަރަށް ރަނގަޅަށް އިހްސާސް ކުރެވޭކަމުގައި ވެސް ބާންލީއިން ހާމަކުރިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ބަޔާން ދޫކޮށްލާނެކަން ޓުކެލް ހާމަކުރުމާއެކު އެ މަގާމު ފުރާނެ މީހަކު ހޯދުމަށް ބަޔާންއިން ކުރަމުންދިޔަ މަސައްކަތް މީގެކުރިން ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
ކޮމެންޓް