މިނިސްޓަރ ނާޒިމް
ދުންފަތާ ދުރުވުމަށް ހާއްސަ ހެލްޕްލައިނެއް ގާއިމުކޮށް، ދުންފަތުން ދުރުވުމަށް ބޭނުންވާ ފަރުވާ އާސަންދައިގެ ދަށުން ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަށް ހާއްސަ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައިވެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް އެކަމުން ދުރުހެލިކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން 1676 ނަންބަރުގެ ކުއިޓްލައިނެއް ގާއިމުކުރަން ނިންމާފައިވާ ކަމަށާއި، މި ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ. މި އަންނަ އާދީއްތަ ދުވަހުން ފެށިގެން މި ކުއިޓްލައިންގެ ހިދުމަތް އެޗްޕީއޭ މެދުވެރިކޮށް ލިބިގެންދާނެ އެވެ.
މީގެއިތުރުން، އާންމުންނަށް ނިކޮޓިން ޕެޗްއާއި ދުންފަތަށް އޮންނަ އެޑިކްޝަން ހުއްޓުވުމަށް ހާއްސަ ގަމް ލިބޭނެ ގޮތް ފަހިކޮށްދޭނެ ކަމަށާއި، ދުންފަތް ކޮންޓްރޯލްކުރުމަށް ބޭނުންވާ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހަދައިދޭން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ހާމަކުރެއްވި އެވެ.
އެޗްޕީއޭއިން ދޭ މައުލޫމާތުގައިވާ ގޮތުން، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ މައިގަނޑު އެއް ހިރާސްއަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. މިކަމުން ސިއްހަތުގެ އިތުރުން ގައުމުގެ އުފެއްދުންތެރިކަމަށްވެސް އަސަރުކުރާ ކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވެ އެވެ.
ސަރުކާރުން މިހާރު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ހާއްސަ 5 އަހަރު ދުވަހުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ނިންމާފަ އެވެ. އަދި އުމުރުން 21 އަހަރުން ދަށުގެ މީހުން ނުވަތަ ކުދިން ދުންފަތް ބޭނުންކުރުން މަނާކުރުމަށް ރައީސް ވަނީ ނިންމަވާ، ޤާނޫނަށްވެސް އެ ބަދަލު ގެނެސްފަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިހާރުވެސް ’ދަފަރާ‘ ގެ ނަމުގައި ދުންފަތާ ދެކޮޅު ކެމްޕޭނެއް ހެލްތް މިނިސްޓްރީއިން ކުރިއަށް ގެންދާ ކަމަށާއި، މި ކެމްޕޭން މިހާތަނަށް ނ، ތ، ލ، އަދި ސ އަތޮޅުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް