ޕުޓިން އާއި ޓްރަމްޕް ބައްދަލުވުމުގެ ތެރެއިން
ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހު ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު އެބަ އޮތްކަމަށް ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.
ރިޔާދުގައި އަންގާރަ ދުވަހު ބޭއްވުނު އެމެރިކާ-ރަޝިޔާ މަޝްވަރާތަކަކީ ތިން އަހަރަށް ގާތްވަމުންދާ ޔޫކްރެއިން ހަނގުރާމަ ހައްލުކުރުމަށް "ވަރަށް މުހިންމު ފިޔަވަޅެއް" ކަމުގައި ޕެސްކޮވް ވިދާޅުވިއެވެ.
"ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލަވ ލަވްރޮވް އިއްޔެ އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯއާއެކު ވެވަޑައިގެންނެވި އެއްބަސްވުމުގެ އަލީގައި، ޑިޕްލޮމެޓުން މިހާރު މަސައްކަތް ފަށާނެ," ޕެސްކޮވް ވިދާޅުވިއެވެ.
"ނަމަވެސް މިއީ ފުރަތަމަ ފިޔަވަޅު. އެއް ދުވަހުން ނުވަތަ އެއް ހަފްތާއިން ހުރިހާ ކަމެއް ރަނގަޅުކުރުމަކީ ނުކުރެވޭނެ ކަމެއް. ދުރު މަންޒިލަކަށް ދަތުރުކުރަން ޖެހޭނެ," އޭނާ އިތުރަށް ވިދާޅުވިއެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިނގާ އެންމެ ނުރައްކާތެރި ހަނގުރާމަ ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމެރިކާ އާއި ރަޝިޔާގެ އިސްވެރިން ބައްދަލުކުރި ފުރަތަމަ ފަހަރަކީ މިއީއެވެ. މި މަޝްވަރާތަކަށް ޔޫކްރެއިން އަދި ޔޫރަޕްގެ އެއްވެސް އިސްވެރިއަކު ދަޢުވަތެއް ނުދެއެވެ. އެ ޤައުމުގެ ރުހުމެއް ނެތި އެއްވެސް އެއްބަސްވުމެއް ޤަބޫލުނުކުރާނެ ކަމަށް ކީވްއިން ބުނެފައިވެއެވެ.
މި މަޝްވަރާތައް ބޭއްވުމަށް މަގުފަހިކޮށްދެއްވި ކަމަށްޓަކައި ސައޫދީ އަރަބިއްޔާގެ ޤިޔާދަތަށް، ޚާއްޞަކޮށް ސައޫދީ ރަސްގެފާނު ސަލްމާން އަދި ޔަލްޢަހުދު ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ޕުޓިން ޝުކުރު އަދާކުރެއްވިއެވެ.
ރަޝިޔާގެ ރައީސް ވިދާޅުވީ ސައޫދީ އަރަބިއްޔާގައި ބޭއްވުނު ދެފަރާތުގެ މަޝްވަރާތައް "މަތީ ދަރަޖައަކަށް" ވަޒަންކުރައްވާ ކަމަށާއި، އެއީ އެމެރިކާއާއެކު ގުޅުން އަލުން ޤާއިމުކުރުމަށް އެޅުނު "ފުރަތަމަ ފިޔަވަޅު" ކަމަށެވެ.
ކޮމެންޓް