ކުރީގެ ރައީސް މައުމޫން: އެމަނިކުފާނުގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް ތައްޔާރުކުރަނީ
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފޮންޓެއް އަންނަ ހޮނިހިރު ދުވަހު ތަޢާރަފްކުރަން ނިންމައިފިއެވެ.
މި ފޮންޓަކީ "ދިވެހި ޓައިޕް" އާއި "ދަ މައުމޫން ފައުންޑޭޝަން" ގުޅިގެން ލޯންޗުކުރާ ފޮންޓެކެވެ. ފޮންޓު ލޯންޗުކުރުމަށް ފަހު އާންމުންނަށް މި ފޮންޓު ދައްކާލުމަށް މައުރަޒެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
މި ފޮންޓަށް ދީފައިވާ ނަމަކީ "މައުމޫން"އެވެ. މި މައުރަޒު ކުރިއަށް ދާނީ، ހޮނިހިރު ދުވަހު ހެންދުނު 10:00އިން 11:00އަށް މާލޭ އާޓް ގެލެރީގައެވެ.
ފޮންޓު ލޯންޗުކުރުމުން މި ފޮންޓު ގަނެ، ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް އަކުރު ޓައިޕް ވެބްސައިޓުން ފޮންޓު ޑައުންލޯޑު ކުރެވޭނެއެވެ. މިއީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފޮންޓެއް އުފެއްދި ފުރަތަމަ ފަހަރެވެ. މައުމޫނަކީ ތާނައިގެ އިތުރުން އަރަބި ވެސް ރީތިކޮށް ލިޔުމުގެ ފަންނުގައި އަރާހުންނެވި ހުނަރުވެރި ޝަޚްޞިއްޔަތެކެވެ. ދިވެހިބަހަށް އިސްކަން ދެއްވި އުސްތާޒެކެވެ. އަދީބެކެވެ. ޝާއިރެކެވެ. ލިޔުންތެރިއެކެވެ.
ކޮމެންޓް