ކުރީގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
ހިލޭ ޑިގްރީގެ ސިޔާސަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދުރު ވިސްނުންތެރި ވިސްނުމެއް ކަމަށް ކުރީގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ފިރުޝާން މިކަން ފާހަގަކުރެއްވީ، އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. މި ސިޔާސަތަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، އަދި އެމްޑީޕީގެ ކޮންގްރެސްގެ ކުރިން، ރައީސް ނަޝީދުގެ "ޖަޒީރާ ރައީސް" ކެމްޕޭނުގައި ހިމެނިފައިވާ ސިޔާސަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލު ކަމަށްވާއިރު، މި ސިޔާސަތުގެ ސަބަބުން ގިނަ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވެއެވެ.
https://x.com/husnfirey/status/1890359405192826973?s=46&t=TXuSpvTAejR0Lr_pGUMnWg
"ހިލޭ ޑިގްރީގެ ސިޔާސަތު ރައީސް މުހައްމަދު ނަޝީދުގެ ޖަޒީރާ ރައީސް ކެމްޕޭނުގައި ގެނެސްދެއްވި ކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރު ދަންނަވަން," ފިރުޝާން ވިދާޅުވިއެވެ.
އަދި މިއަދު އެ ދުރު ވިސްނުމުގެ ހެޔޮ ފައިދާ ދިވެހި ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ލިބެމުންދާކަން ވެސް ފިރުޝާން ފާހަގަކުރެއްވިއެވެ. މި ސިޔާސަތުގެ ދަށުން މިހާރު ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ހިލޭ މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް