ސިނާނުގެ ގޮނޑިއާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނު

ސިނާނުގެ ގޮނޑިއާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ދަރަންޏެއް ސާބިތުވުމާ ގުޅިގެން، އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސިނާނުގެ އިތުރުން، އެމްއައިބީން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތުވެފައިވަނީ އައްޑޫ ހިތަދޫ ވާދޫގޭ އަހްމަދު ވަހީދަށާއި ހިތަދޫ ވިހަލަގޮޑިމާގޭ މުހައްމަދު ސަލީމުގެ މައްޗަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ނިންމި މައްސަލައިގައިވާ ގޮތުން، އެމްއައިބީން ނަގާފައިވާ ސޭލް އެންޑް ލީސްބެކް ފައިނޭންސިންގެ ދަށުން، ތިން މީހުން ވެސް އެމްއައިބީއަށް 2.52 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ފެސިލިޓީގެ ބާކީ 2.44 މިލިއަން ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާގެ 75،789.01 ރުފިޔާއެވެ.

ތިން މީހުންގެ ވެސް ޣައިރު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ އެ ފެސިލިޓީއަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކައި ނިމުމާ ހަމައަށް، ފެސިލިޓީ އަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ އާއި ހުކުމްކުރި ދުވަހުން ފެށިގެން ހަ މަހުގެ ތެރޭ ކޮންމެ މަހަކު އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދުނޫން އަދަދެއް އެމްއައިބީއަށް ދައްކައި އެއްކޮށް ނިންމުމަށެވެ.

އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، ފެސިލިޓީ އާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯންޏާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް، އެ ފައިސާ ހޯދުމުގެ ބާރު ބޭންކަށް ލިބިގެންވާ ކަމުގައި ވެސް ކޯޓުން ހުކުމްކޮށްފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.