އިންޑިއާގައި ބޭއްވި މޯލްޑިވިއަން ނައިޓް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން 100 އަށް ވުރެ ގިނަ މަޝްހޫރު ސެލެބްރިޓީން އަދި އިންފްލުއެންސަރުންނަށް 'މޯލްޑިވިއަން ނައިޓް' ގެ ނަމުގައި އިވެންޓްއެއް ބާއްވައިފިއެވެ.
އިންޑިއާގެ ފޯ ސީޒަންސް ހޮޓެލް މުމްބާއީގައިމި ހަރަކާތަކީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން އޯޓީއެމް މުމްބާއީއާ އެކު ސްޓްރެޓެޖިކް ގޮތެއްގައި އިންތިޒާމްކޮށްފައިވާ ހަރަކާތެކެވެ. އެމްއެމްޕީއާރްސީން ބުނީ މިއީ އިންޑިއާގެ މާކެޓާ ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެ އިން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.
އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެއްކަން ފާހަގަކޮށް އެމްއެމްޕީއާރްސީން ބުނީ ވިޒިޓް މޯލްޑިވްސްއިން 2025 ވަނަ އަހަރު 300،000 އަށްވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ގިނަ އަދަދެއްގެ ސްޓްރެޓީޖިކް މާކެޓިން މަސައްކަތްތަކެއް ފަށާފައިވާކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. އެގޮތުން ކުރިއަށް ހިނގަމުންދާ ސަމާ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއާލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއެކު ޕާޓްނާޝިޕްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
'މޯލްޑިވިއަން ނައިޓް' ގައި އެތައް މަޝްހޫރު ސެލެބްރިޓީންނާއި އިންފްލުއެންސަރުން ގެ ބައިވެރިވުން ފެނިގެންދިޔަކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ފަރާހް ހާން، މޯނީ ރޯއީ، ފަރްދީން ހާން، ވިހާން ސަމަތް، އަންގަދް ބެދީ، މަންދާނާ ކަރީމީ، ޝްރެޔާ ޕިލްގާއޮންކަރް، ޝަޝާންކް ސަންގާވީ، ރިޗީ ޝާހް، ރުޗީ ސޯނީ، ޝިފާ މާޗަންޓް، ރާހުލް ޖަގްތިއާނީ، ތޯމަސް ޕަސްކަލް، މޮނިޝާ، ބްރިންދާ ޝާހް، ސްޓެފަނީ ޓިމިންސް، ޕަރޭޝް، ސަލްމާން މާޗަންޓް، އަދި މިނޫންވެސް އެތައް ބައެއް ހިމެނެއެވެ.
މި އިންފްލުއެންސަރުންގެ ޖުމްލަ ސޯޝަލް މީޑިއާގެ ފޯރުން 200 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާ ހަމައަށް އަރާފައިވާކަން ފާހަގަކޮށް އެމްއެމްޕީއަރްސީން ބުނީ މިއީ ވިޒިޓް މޯލްޑިވްސްއަށް އިންޑިއާގައި މި މަންޒިލް ޕްރޮމޯޓްކުރުމަށް ވަރަށް ބާރުގަދަ ޕްލެޓްފޯމްއެއް ލިބިގެންދިޔަ ހަރަކާތެއް ކަމަށެވެ.
ކޮމެންޓް