ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެތައް ބަޔަކު ތިބުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށްވީ ނަމަވެސް އޭގެތެރޭގައި ދޫކޮށްލައިގެން ނުވާނެ ބަޔަކު އެބަތިބި ކަމަށް ސީޕީ ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ގިނަ މީހުންނަކީ ބޮޑެތި ކުށްތައް ކޮށްފައިވާ ކުށްވެރިން ކަމަށާއި އެ މީހުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އިއްޔެ ބޭއްވި "ބަންދު ފޯރަމް"ގައި ވާހަކަދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ މީހުންގެ މައްޗަށް ހުކުމެއް އިއްވަންދެން އެ މީހުން ބަންދުގައި ބައިތިއްބަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެމީހުން ދޫކޮށްލައިފިނަމަ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމާއި މުޖުތަމައަށް ނުރައްކާވުން ކަމަށެވެ.
"މިދަންނަވާ ކަހަލަ މީހުން ބަންދުން ދުކޮށްލުމުން އެކަމުގެ ނޭދެވޭ އަސަރު ޝަރީއަތްތަކަށް އަދި މުޖުތަމަޢަށް ކޮށްފައި އެބަހުރި. މިކަހަލަ މީހުން ދޫކޮށްލާނަމަ އެމީހުންގެ ކަންކަން ބަލައި މޮނިޓާކުރެވޭނެ ރަނގަޅު ނިޒާމެއްވެސް އޮންނަންޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ޖިންސީ ގޯނާގެ ކުރުމުގެ ތުހުމަތު އޮތް މީހުން ގިނަ އަދަދަކަށް ތިއްބެވެ. އެފަދަ މީހުން ދޫކޮށްލުމަކީ އަނިޔާ ލިބޭ ބަޔަކަށް އިތުރު އަނިޔާއެއް ލިބިދާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމެންޓް