ފްރާންސް
މިއީ ފަހަރެއްގައި އެފްރިކާގެ އެހެން ގައުމުތަކުން ފްރާންސް ފަހައި ދުއްވައިގަންނަން ދަސްވާނެ ކަމެއް ކަމަށް ބެލެވެއެވެ.
އަލްޖަޒާއިރާއި ފްރާންސްއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، އަލްޖަޒާއިރުގެ ރައްޔިތުންނާ ދެކޮޅަށް ފްރާންސުގެ އިސްތިއުމާރުން ހިންގި ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކުރާ ގާނޫނެއް ފާސްކުރުމަށް އަލްޖަޒާއިރުން ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ ޕާލަމެންޓްގެ ރައީސް އިބްރާހިމް ބޫ ޣާލީ ވިދާޅުވެއްޖެއެވެ.
ލޯކަލް ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި ބޫ ޣާލީ ވިދާޅުވީ، އަލްޖަޒާއިރުގައި ފްރާންސުން ހިންގި އަނިޔާތައް އޮޅުވާލުމަށް ޕެރިހުން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މި ގާނޫނު ނެރުމަށް މަޖުބޫރުވީ ކަމަށެވެ. އަދި މި ގާނޫނުގެ ޑްރާފްޓް ހުށަހަޅާނީ އަލްޖަޒާއިރުގެ ހުރިހައި ރައްޔިތުންގެ ނަމުގައި ކަމަށާއި، މިއީ ވަކި ސިޔާސީ ޕާޓީއެއްގެ އިސްނެގުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފްރާންސާއި އަލްޖަޒާއިރާ ދެމެދުގައި އޮތް އެންމެ ނާޒުކު މައްސަލައަކީ "މެމޮރީ ފައިލް" ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި އަލްޖަޒާއިރުގައި ފްރާންސުން ހިންގި ނިއުކްލިއަރ ޓެސްޓުތަކުގެ ސަބަބުން އިންސާނުން ނުޅެދުމާ ކުރިމަތިލާން ޖެހުމާއި މިއަދާ ހަމައަށްވެސް އެ ގައުމުގެ އާބާދީއަށާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި، 1945 ވަނަ އަހަރު މެއި މަހުގެ 8 ވަނަ ދުވަހު ހިންގި ގަތުލުއާންމު ފަދަ އަނިޔާވެރި ޢަމަލުތަކަށް ޒިންމާދާރުކުރުން ހިމެނެއެވެ. މީގެ އިތުރުން، އަލްޖަޒާއިރުގެ ސަގާފީ މުދާ ފޭރިގަތުމާއި، ޕެރިހުގެ މިއުޒިއަމް އޮފް މޭންގައި އަލްޖަޒާއިރުގެ މިނިވަންކަމުގެ ހަނގުރާމަވެރިންގެ ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި މެނުސްކްރިޕްޓްތައް ވަގަށް ނަގާފައި ބެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ. އަދި އީފެލް ޓަވަރު އެޅުމަށް އަލްޖަޒާއިރުގެ ދަނގަޑު ވަގަށް ނެގުންވެސް ހިމެނެއެވެ.
ފްރާންސުން މިހާތަނަށް އަލްޖަޒާއިރުގެ މައްޗަށް ހިންގި އިސްތިއުމާރީ ޖަރީމާތަކުގެ ޒިންމާ އުފުލައި ކުށް ގަބޫލުކުރަން އިންކާރުކުރަމުން އައިސްފައި ވެއެވެ. އަލްޖަޒާއިރުން މި ގާނޫނު ފާސްކުރަނީ އެ ގައުމުގެ ތާރީޚާއި ޙައްޤުތައް ހިމާޔަތްކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.
ކޮމެންޓް