އެމްޑީޕީ ފުދިއްޖެ ފުނޑިއްޖެ ހިނގާލުން
ރޭ ބޭއްވި ހިނގާލުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލުމަށްފަހު ހިނގާލުން ނިންމާލައިފި އެވެ.
މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުން ރޭ 8:30 ހާއިރު ފެށި ހިނގާލުން ކުރިއަށް ގެންދިޔައީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގުގައެވެ. ހިނގާލުން ފަށައިގެން ނިންމާލުމާ ހަމައަށްވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.
މިހިނގާލުން ކުރިއަށް ދިޔައީ ސަލާމަތީ ފަރާތްތަކުން ހުއްދަ ހޯދައިގެން ކަމަށްވާތީ ފުލުހުންނާއި ސިފައިން މި ހިނގާލުމަށް ހުރަސްއަޅާފައެއް ނުވެ އެވެ. ނަމަވެސް ބޮޑުތަކުރުފާނު މަގާއި އަދި އަމީނީ މަގުން މާލޭގެ އެހެން މަގުތަކަށް ހިނގާލުމުގެ ބައިވެރިންނަށް ނުވަދެވޭނެހެން ސިފައިންނާއި ފުލުހުން އޮތީ މަގުތައް ބަންދުކޮށްފަ އެވެ.
ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ރައްޔިތުންގެ ދިރިއުޅުން ފުނޑިފައިވާ ކަމަށް ބުނެ ހިނގާލުމުގެ ބައިވެރިން ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.
ކޮމެންޓް