އިޖުތިމާޢީ އަދި ޢާއިީ ތަރައްޤީއާ ބެހޭ ވުޒާރާ
އޭޑީބީގެ އެހީގައި ހިންގާ މަޝްރޫޢާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފިއެވެ.
ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) ގުޅިގެން ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ޝެލްޓަރތަކާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުން ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް އިސްމާޢިލް ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ޝެލްޓަރތައް ޢިމާރާތްކުރުމަށް ބިޑަށް ހުޅުވާލުމާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމެވެ.
މީގެއިތުރުން، ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް ޚާއްޞަކޮށްގެން، މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިލޭ އެހީގެ ސްކީމާ ގުޅޭ މަޢުލޫމާތުވެސް މި ބައްދަލުވުމުގައި ފޯރުކޮށްދެވުނެވެ.
މި މަޝްރޫޢަކީ އަންހެނުންގެ ތަރައްޤީއަށާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.
ކޮމެންޓް