ހއ.މޮޅަދޫ
ރަށެއްގެ އާބާދީ ކުޑަވެގެން ހިދުމަތް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހއ. އަތޮޅުގައި އާބާދީ އެންމެ ކުޑަ ރަށް ކަމަށްވާ ހއ. މޮޅަދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ރަށެއްގެ އާބާދީ ކުޑަވުމަކީ ރައްޔިތުންނަށް ލިބެންޖެހޭ އެއްވެސް ހިދުމަތަކުން މަހްރޫމުވާން ޖެހޭ ސަބަބެއް ނޫން ކަމަށެެވެ. އެމަނިކުފާނުގެ ކުރިމަތީގައި ކޮންމެ ރަށެއްވެސް އަދި ކޮންމެ މީހަކުވެސް ހަމަހަމަ ވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މޮޅަދޫގެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.
އެގޮތުން ރައީސް ވިދާޅުވީ މޮޅަދޫ ކައުންސިލުން ލޯކަލް ޓޫރިޒަމްގެ މަޝްރޫއުތަކަށް ބިން ދޫކުރަން ކަނޑައަޅާފައިވާ ސަރަހައްދަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި މޮޅަދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް މީގެ ކުރިން ފެށި މަޝްރޫއުގެ ތެރެއިން ސީދާ ގޮތެއްގައި އެކަން ކުރުމަށް ދަތިތަކެއް ހުރިއިރު، ވަކި ތަރުތީބަކުން އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށް ގެންގޮސްދެއްވައި އެކަމަށް އަމަލީ ސިފަ ގެނެސްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމެންޓް