ރައީސުލްޖުމްހޫރިއްޔާ ޑޜ.މުހައްމަދު މުއިއްޒު ހއ.ތަކަންދޫގައި
ރައްޔިތުން އެދޭގޮތަށް ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހއ ތަކަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ތަކަންދޫއަކީ، ދިވެހި ޤައުމުގެ ޤައުމިއްޔަތު ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ރަށެއްކަމަށާއި، ތަކަންދޫއަކީ ޤައުމީ ވިސްނުމެއްގައި ސަމާލުކަންދޭންޖެހޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ ރަށެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އާބާދީގެ ގޮތުން މީހުން މަދުނަމަވެސް ތަރައްޤީގެ ގޮތުން ތަކަންދޫ ކުރިއަށްގެންދާނީ ޤައުމުގެ ތާރީޚު ހިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރެއިން ވަރަށް މުހިންމު އިސްކަމެއް ދީގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ އިއްޔެ އުތީމުގައި އިޢުލާންކުރެއްވި، ޤައުމިއްޔަތު އިޢާދަކުރުމާއި ފުޅާކުރުމާއި، ދަރިންނަށް ކިޔަވައިދިނުމާއި އަދި ކުރިއަށްއޮތް މުސްތަޤުބަލަށް ޤައުމިއްޔަތު ރައްކާތެރިކުރުމުގެ ޚާއްޞަ މަޝްރޫޢެއްގެގޮތުގައި ޖެހިޖެހިގެން ދެ އަހަރު ޤައުމީ ދުވަސް ފާހަގަކުރުން ހިމަނައިގެން ކުރިއަށް ގެންދަން ނިންމާފައި އޮތް މަޝްރޫޢުގެ ތެރޭގައި، ތަކަންދޫ އަދި ބާރަށް ހިމެނޭގޮތަށް، އެ މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް ތަކަންދޫ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަތައް ހޯދައިދިނުމަށް މި އަންނަ ރަމަޟާންމަހުގެ ކުރިން މަތިބިތުން ދަތުރުކުރާ އާރް.ޓީ.އެލް ފެރީ ތަކަންދޫއަށާއި މާރަންދޫއަށް މަޑުކޮށްފައި ދާގޮތަށް ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް