އެޗްޑީސީ
ހުޅުމާލޭގެ ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، އެ ތަކެތި ބޭނުންވާ އެހެން ފަރާތްތަކަށް ހަދިޔާ ކުރުމަށް "އެއްގެއިން އަނެއްގެއަށް" ނަމުގައި ކެމްޕެއިނެއް އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވޭނެއެވެ. މި ޕްރޮގްރާމް އަމާޒުކުރަނީ މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ތަކެއްޗަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެ ތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިދޭނެއެވެ.
ގޭގެއިން ތަކެތި ނެގުން ހުއްޓާލުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. އަދި ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށްފަހު ބާކީވާ ތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށެވެ.
މި ޕްރޮގްރާމަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށާއި، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓް