ބޭރުގައި ތައުލީމު ހާސިލުކުރަމުން ދާ ދަރިވަރުންނަށް މިހާރު އެޑްވާންސް ފައިސާ ޖަމާކޮށްދީފިން: ނަޒީރު

ބޭރުގައި ތައުލީމު ހާސިލުކުރަމުން ދާ ދަރިވަރުންނަށް މިހާރު އެޑްވާންސް ފައިސާ ޖަމާކޮށްދީފިން: ނަޒީރު

ލޯން ސްކީމްގެ ދަށުން ވިޔަސް އަދި ސްކޮލާޝިޕްގެ ދަށުން ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުން ދާ ދަރިވަރުންނަށް އެޑްވާންސް ފައިސާ ޖަމާކޮށްދީފައި ވާކަމަށް ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ނަޒީރު ވިދާޅުވީ ލޯން ސްކީމްގެ ދަށުން ވިޔަސް އަދި ސްކޮލާޝިޕްގެ ދަށުންވެސް، ތައުލީމު ހާސިލު ކުރުމަށް ރާއްޖެއިން ބޭރަށް ދާ ދަރިވަރުން ކިޔަވަން ފުރާއިރު ޕޭމަންޓު ދެއްކުމަށްޓަކައި ޝެޑިއުލް ތަކެއް ހުންނަ ކަމަށެވެ. އަދި އެ ދަރިވަރުންނަށް ކޮންމެ މަހަކު ފައިސާ ދިނުމަކީ ދަތިކަމެއްކަން ފާހަގަ ކުރައްވަމުން ނަޒީރު ވިދާޅުވީ ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް، ކޮންމެ މަހަކުވެސް ތިންމަހަށް ވާވަރުގެ ފައިސާ ޖަމާކޮށްދޭކަމަށެވެ.

ދެވަނަ އިންސްޓޯލްމަންޓަށް ފައިސާ ދިނުމުގެ ކުރިން އެ ފައިސާ ހަރަދުކޮށްފައިވާ ކަން ކަށަވަރު ކުރަން ޖެހޭކަން ފާހަގަ ކުރަމުން ނަޒީރު ވިދާޅުވީ ބައެއްފަހަރު އިންވޮއިސް ނުދިނުމުގެ ސަބަބުން ނުވަތަ އެފަދަ ކުދި ކަންކަމުގެ ސަބަބުންވެސް ފޭމަންޓު ޑިލޭވެފައި އެބަހުރި ކަމަށެވެ.

ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ކުރެވެމުންދާ މަސައްކަތްތައް ތަފްސީލު ހާމަކޮށްދެއްވަމުން ނަޒީރު ވިދާޅުވީ ކުރިއަށްއޮތް ފަސް އަހަރު ރާއްޖޭގެ މަތީ ތައުލީމު ކޮލިޓީ އާއި އެކު ކުރިއަށް ގެންދެވޭނެ ޕްލޭނެއް ހަދާފައި ވާކަމަށެވެ. އެ ގޮތުން ޒުވާނުން ހުނަރުވެރި ކުރުވުމަށް މަސައްކަތް ފެށިފައިވާ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދު ތަކަަށް ޓިވެޓް ސެންޓަރުތައް ގެންދިއުމާއި އަދި ހޮސްޓެލްތައް ގެންދިއުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.