މާލޭގެ ކެފޭއެއްގެ ކާބޯތަކެތި ބަހައްޓާ ރެކުން މީދާ ފެނިއްޖެ

ކާބޯތަކެތި ބަހައްޓާ ރެކުން މީދާ ފެނިއްޖެ

މާލޭގެ ކެފޭއެއްގައި ކާބޯތަކެތި ބަހައްޓާ ރެކު ތެރޭގައި މީދާތަކެއް އުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

އަހުމަދު ނާހިލް ނަމަކަށް ކިޔާ ޒުވާނަކު ފޭސްބުކްގައި އާންމުކުރި ވީޑިއޯގައި ފެންނަނީ ކަލާފާނު ހިނގުމުގައި ހުންނަ "ސްޓާ ލައިޓް ކެފޭ" ގެ ރެކު ތެރޭގައި މީދާތައް ދުވެދުވެ އުޅޭ މަންޒަރެވެ. މި ވީޑިއޯގައި ތައްޓެއްގައި އަޅާފައި ހުރި ބިސްތަކެއްގައި އަދި ރެކު ތެރޭގައި މީދާތައް އުޅޭ މަންޒަރު ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.

މި މައްސަލައާ ގުޅޭގޮތުން ނާހިލް ޕޯސްޓުކުރި އިތުރު ވީޑިއޯއެއްގައި ފެންނަނީ، އެ ކެފޭގައި ޓީވީން ފުޓްބޯޅަ މެޗެއް ދައްކަމުންދަނިކޮށް ޓީވީ ކައިރީގައި މީދަލެއް އުޅޭ މަންޒަރެވެ. މިދިޔަ ހަފުތާގައި ނަގާފައިވާ މި ވީޑިއޯގައި މީދާ ހިފަން މަސައްކަތްކުރާ މަންޒަރު ވެސް ހިމެނެއެވެ.

މާލޭގައި ހިންގާ ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޒިންމާއެކެވެ. އެ އޮތޯރިޓީން ދޭތެރެ ދޭތެރެއިން މިފަދަ ތަންތަން އިންސްޕެކްޓްކޮށް، ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ތަންތަން ބަންދުކުރުމުގެ ބާރު އެ ފަރާތަށް ލިބިގެންވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އެމްއެފްޑީއޭ އިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް މި މައްސަލައަކީ އާންމު ސިއްހަތާ ގުޅުންހުރި ކަމަކަށް ވުމާއެކު، އެ އޮތޯރިޓީން މި މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.