ހުދު ސަމާލު ނެރިއްޖެ
މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މިއަދު ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ހުދު ސަމާލުކަމުގެ އިންޒާރު ނެރެފިއެވެ.
މި އިންޒާރު ނެރެފައިވަނީ މޫސުން ގޯސްވެ، ވައި ގަދަވެ، ވާރޭވެހި، ގުގުރާނެކަމަށް ލަފާކުރެވޭތީއެވެ.
މެޓް އޮފީހުން މިއަދު ހެނދުނު 9:30 އިން މެންދުރުފަހު 15:30 އާ ހަމައަށް ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވެއެވެ. މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މީގެއިތުރުން، ހެނދުނު 10:30 އިން ހަވީރު 16:30 އާ ހަމައަށް ހއ އަތޮޅުން ފެށިގެން ވ އަތޮޅަށްވެސް ހުދު ސަމާލު ނެރެފައިވެއެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މޫސުން ގޯސްވެފައިވާ ދުވަސްވަރެއްގައި ކަނޑުދަތުރުފަތުރު ކުރާއިރު ފަރުވާތެރިވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް