މުހައްމަދު ވަހީދު
ކުރީގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ ދައުލަތުގެ ޑެފިސިޓް އިތުރުވަމުންދާ މިންވަރާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށް އިގްތިސާދު ހުއްޓިފައި އޮތް 2020 ވަނަ އަހަރުގެ ޑެފިސިޓް 13.5 ބިލިއަން ރުފިޔާގައި ހުރިއިރު، 2023 ވަނަ އަހަރުގެ ޑެފިސިޓް ވަނީ 15.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަހަރަށްވުރެ 1.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އިތުރުވުމާ ގުޅިގެން ވަހީދު ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން، މި ޑެފިސިޓް މިހާ ބޮޑަށް އިތުރުވީ ކޮން ކާރިސާއަކާ ގުޅިގެންތޯ އާއި، ކޮން ކަމަކަށް ޚަރަދުކޮށްގެންތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2020 ވަނަ އަހަރަކީ ދުނިޔޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އަހަރެއް ކަމުގައި ވީނަމަވެސް، އޭގެ ތިން އަހަރު ފަހުން، އާންމު ހާލަތެއްގައި ހުރި 2023 ވަނަ އަހަރު ދައުލަތުގެ ޑެފިސިޓް މާ ބޮޑުވެފައިވާކަމެވެ.
މި ކަމަކީ ގައުމުގެ އިގްތިސާދީ ހާލަތާމެދު ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ވަހީދު ފާހަގަކުރައްވާފައިވެއެވެ. އަދި މިކަމާ ގުޅޭގޮތުން ސަރުކާރުން އިތުރު މައުލޫމާތު ހާމަކުރުމަށް ގޮވާލައްވާފައިވެއެވެ.
ކޮމެންޓް