ގިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް މުސްތަފާ އިސްތިއުފާ ދެއްވައިފި
ގިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ އިސްތިއުފާ ދެއްވައިފި އެވެ.
މުސްތަފާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އައްޑޫ، ހިތަދޫ ޝަރަފުއްދީން ސްކޫލުގެ އޭލެވެލް ޓީޗަރެއްގެ ގޮތުގަ އެވެ. އެއަށްފަހު އެޑިއުކޭޝަން މެނޭޖްމަންޓް އިން މާސްޓާސް ފުރިހަމަކުރެއްވުމަށް ފަހު 2011ގައި ސ. ފޭދޫ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު އަދާކުރެއްވި އެވެ.
ގިޔާސުއްދީންގެ ޕްރިންސިޕަލް ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް އޭނާ ހުންނެވީ ފޭދޫ ސްކޫލުގަ އެވެ. އެ ސްކޫލުގައި ނުވަ އަހަރު ހުންނެވުމަށް ފަހު ގިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖެއްސީ 2019 ވަނަ އަހަރު އެވެ.
ހަތަރު އަހަރަށްވުރެ ގިނަ ދުވަހު އެ ސްކޫލުގައި މަސައްކަތް ކުރެއްވި މުސްތަފާ ވިދާޅުވީ އެ ސްކޫލުގެ ޕްރިންސިޕަލް ކަމުން އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތަކަށް ވަގުތު ހުސްކުރެއްވުމުގެ ގޮތުން ކަމަށެވެ. މިދިޔަ ދިރާސީ އަހަރު ނިމުމުން އިސްތިއުފާ ދެއްވުމަށް ކުރިން ވެސް ނިންމާފައިވާ ކަމަށާއި މިދިޔަ މަހު އިސްތިއުފާ އަށް ހުށަހަޅުއްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސްކޫލުގެ ހިންގެވުމާ ވަގުތީ ގޮތުން ހަވާލު ކުރައްވާފައި ވަނީ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމީމާ އަބްދުލްގަފޫރްއާ އެވެ.
ކޮމެންޓް