ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓްގައިވެސް މެސެޖެއް ޙިއްސާކުރައްވާފައިވެއެވެ.
އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް، އޮނަރަބަލް ސަމާންތާ ޖޯއި މޮސްޓިން އޭ.ސީ. އަށާއި، ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ.އަށް ތަހުނިޔާގެ ސިޓީ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ސިޓީތަކުގައި، މި އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އޮސްޓްރޭލިއާގެ ލީޑަރޝިޕްއަށާއި ރައްޔިތުންނަށް ހޫނު މަރުޙަބާއާއި ހެޔޮއެދުންތައް ރައްދުކުރައްވާފައިވެއެވެ. އަދި ކަނޑުގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް އޮސްޓްރޭލިއާއިން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.
ސިޓީގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން ކުރާ އިލްތިޒާމް އައުކުރައްވާފައެވެ. އަދި ގަވަރނަރ ޖެނެރަލްއާއި ބޮޑުވަޒީރުގެ ދުޅަހެޔޮކަމާއި ފާގަތިކަމަށާއި، އޮސްޓްރޭލިއާގެ ރައްޔިތުންގެ ސުލްޙަވެރިކަމާއި، ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގެންފައިވެއެވެ.
އޮސްޓްރޭލިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓްގައިވެސް މެސެޖެއް ޙިއްސާކުރައްވާފައިވެއެވެ.
ކޮމެންޓް