'ހިނގާފައި ވާހަކަ' ޕްރޮގްރާމްގެ ތެރެއިން
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިއަދު ވަނީ ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހުޅުލޭގައި 'ހިނގާފައި ވާހަކަ' ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ މެންބަރުންނާ ސީދާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއަހައި، އެކުގައި ހައްލު ހޯދުމެވެ.
މި އިސްނެގުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން 2024-2028 ގެ ދަށުން ކުރިއަށްގެންދާ ޙަރަކާތެކެވެ. މި ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ ފުލުހުންނާއި މުޖުތަމަޢުއާ ދެމެދު ވަރުގަދަ ގުޅުމެއް ޤާއިމްކުރުމާއި، ރައްކާތެރި އަދި ގުޅިލާމެހިފައިވާ އަވަށްތަކެއް އުފެއްދުމަށެވެ.
ޕްރޮގްރާމްގެ ތެރެއިން ފުލުހުން ވަނީ ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތަކަށް ހަމައެކަނި އަޑުއެހުމަށްވުރެ ބޮޑަށް، 2025 ވަނަ އަހަރަށް ރައްޔިތުންގެ އުންމީދުތަކާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
"އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަނީ މިއަށްވުރެ އުޖާލާ އަދި ރައްކާތެރި ހުޅުމާލެއަކަށް" މިހެން ފުލުހުން ވިދާޅުވިއެވެ.
މި ފަދަ ޕްރޮގްރާމްތަކަކީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ކޮމެންޓް