ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ތަރައްޤީ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މި ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ތަރައްޤީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. ކިނޮޅަހު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ތުއްތު ކުދިން ކުދިކުދި ކަރުދާސްކޮޅުތަކުގައި ލިޔެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ޕާކު ނެތުމުގެ ޝަކުވާއަށް އިޝާރާތްކުރައްވަމުން، "އާބާދީގެ ކުޑަބޮޑުމިނުގެ ނިސްބަތުން އެއްވެސް ތަފާތެއް ނެތި، ކުޑަކުދިންނަށް ކުޅެވޭނޭ ޕާކުތައް ހެދުމަކީ ޙަޤީޤަތުގައި ތަރައްޤީ ގެނެސްދިނުމުގައި ވަރަށް މުހިންމު ކަމެއް" ކަމުގައި ވިދާޅުވިއެވެ. އަދި ކިނޮޅަހުގެ ތުއްތުކުދިންނަށް ބޭނުންވާ ޕާކު މިއަހަރު ތެރޭގައި ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން، ކިނޮޅަހު ރައްޔިތުން އެދޭ ފެންވަރުގެ ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް މިއަހަރު ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހޭންޑްބޯލް ކުރިއެރުވުމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވަމުން، މިއަހަރު ތެރޭގައި ފުލުހުންގެ ޚިދުމަތްވެސް ރަށުގައި ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ކިނޮޅަހުގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.