ގދ. ފަރެސްމާތޮޑާ ކައުންސިލުގެ ބައެއް މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަޙްމަދު ޝިޔާމް، ގދ. ފަރެސްމާތޮޑާ ކައުންސިލުގެ ބައެއް މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ފަރެސްމާތޮޑާ ސަރަޙައްދުގައި އެޅުމަށް ހަމަޖެހިފައިވާ ވަދު ކަނދުފައްޗާ ގުޅޭ ކަންކަމެވެ. މި ބައްދަލުވުމުގައި ގދ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވަދު ކަނދުފަތި އެޅުމަކީ އެ ސަރަޙައްދުގެ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ ދަށުން ޤައުމުގެ އެކި ސަރަޙައްދުތަކުގައި ވަދު ކަނދުފަތި އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ފަރެސްމާތޮޑާގައި މި މަޝްރޫޢު ފެށުމަކީ އެ ސަރަޙައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ފާހަގަކުރެވެއެވެ.
ކޮމެންޓް