މަޝްވަރާތަކުން އަލި މަގެއް ނުފެނުނު، ޓުޗެލް ބަޔާން ދޫކޮށްލަނީ

މަޝްވަރާތަކުން އަލި މަގެއް ނުފެނުނު، ޓުޗެލް ބަޔާން ދޫކޮށްލަނީ

އެކަންކަމުގެ ތަފުސީލަށް ދާން ބޭނުން ނުވާކަން ފާހަގަކޮށް ޓުޗެލް ބުނީ، ފެބްރުވަރީ މަހު އެއްބަސްވެވުނު ގޮތަށް އޭނާ ކުލަބު ދޫކޮށްލާަނެ ކަމަށްށެވެ.

ބަޔާން މިއުނިކްގެ ކޯޗުކަމުގައި މަޑުކުރުމަށް ކުރި މަޝްވަރާތަކުން އެއްވެސް އަލި މަގެއް ނުފެނުނު ކަމަށާއި، ކުލަބު ދޫކޮށްލާނެ ކަމަށް ތޯމަސް ޓުޗެލް ބުނެފި އެވެ.

ބަޔާންގެ އިސްވެރިންނާ މަޝްވަރާ ކުރުމަށްފަހު، ބަޔާން ދޫކޮށްލަން އެންމެ ފުރަތަމަ ޓުޗެލް ނިންމީ މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ އިރުޝާދުގެ ދަށުން ބަޔާންގެ ނަތީޖާތައް ދަށްވެ، ކުލަބަށް ނާކާމިޔާބު ސީޒަނަކާ ކުރިމަތިލާން ޖެހުމުންނެވެ.

ނަމަވެސް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ފަހު ބަޔާންގެ އިސްވެރިން ވަނީ ޓުޗެލް ކުލަބުގައި ބަހައްޓަން ފެންނަ ކަމަށް އެއްބަސްވެފަ އެވެ. އެގޮތުން ޓުޗެލްގެ އެއްބަސްވުން އިތުރު ކުރުމަށް ވެސް ކުލަބުގެ ވެރިން އެއްބަސްވި އެވެ. އެއަށްފަހު ވަނީ ޓުޗެލާއި، އޭނާގެ އެޖެންޓާއެކު މަޝްވަރާތައް ފަށައިފަ އެވެ.

އެހެން ނަމަވެސް ޖަރުމަނު ލީގުގައި ބަޔާނުން ހޮފެއިންހައިމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓުޗެލް ބުނީ، ކުލަބުގައި މަޑުކުރުމަށް މަޝްވަރާ ކުރެވުނު ކަމަށާއި، ނަމަވެސް އެ މަޝްވަރާތަކުން އެއްވެސް އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ. އެކަންކަމުގެ ތަފުސީލަށް ދާން ބޭނުން ނުވާކަން ފާހަގަކޮށް ޓުޗެލް ބުނީ، ފެބްރުވަރީ މަހު އެއްބަސްވެވުނު ގޮތަށް އޭނާ ކުލަބު ދޫކޮށްލާނެ ކަމަށެވެ.

މިދިޔަ އަހަރު ބަޔާންގެ ކޯޗުކަމާ ޓުޗެލް ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ބަޔާން ކުޅެފައި ވަނީ 60 މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 37 މެޗުންނެވެ. 15 މެޗުން ބަލިވެފައިވާއިރު، އަށް މެޗު ވަނީ އެއްވަރުވެފަ އެވެ. މިދިޔަ ސީޒަންގެ ޖަރުމަނު ލީގު ބަޔާނުން ވަނީ ޓުޗެލްއާއެކު ކާމިޔާބު ކޮށްފަ އެވެ. އޭނާ ޓީމާ ހަވާލުވީ ވެސް ސީޒަންގެ ވަކި ހިސާބަކުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.