4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އިވެލުއޭޓް ކުރަން ނިންމައިފި

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް

މިހާރު އިމާރާތް ކުރަމުންދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތޮލިބް މިފަދައިން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު މުއްތޮލިބް ވިދާޅުވީ ފްލެޓްއަށް އެދިފައިވާ ހުރިހާ ފަރާތްތަކުގެ ފޯމްތައް އަލުން އިވެލުއޭޓްކުރުމުގެ ބަދަލުގައި ނޮވެމްބަރު 15، 2023ގައި ގެޒެޓްކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ވެރިފިކޭޝަން ޕްރޮސެސް ކުރިއަށްގެންދާ އިރު، ބަލާނީ ޖޫން 26، 2022ގައި ގެޒެޓްކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގެދޮރު ދޫކުރާ އުސޫލު އަދި އެޕްލިކޭޝަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ (ހިޔާވަހި) ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފޯމް އިވެލުއޭޓް ކުރުމުގައި އެ ފަރާތްތަކުން ދީފައިވާ މައުލޫމާތަށް ބަލައި، އިންސާފުވެރިކަމާއެކު ފޯމު އިވެލުއޭޓް ކުރެވިފައިވޭތޯ ބަލާނެ ކަމަށެވެ. އަދި ލިސްޓު ގެޒެޓް ކުރެވޭއިރު، ފޯމް އިވެލުއޭޓްކުރުމުގައި މައްސަލައެއްވާނަމަ، އެކަން އެގޭނެ ގޮތަށް ލިސްޓުގައި ބަޔާން ކުރެވި އިއުލާނުކުރެވިގެންދާނެ ކަމަށެވެ.

ފްލެޓް ލިސްޓުގައި ހިމެނިފައިވާ ފަރާތެއް ލިސްޓުން އުނިވާނަމަ އެއީ ކީއްވެކަން އާންމުނަށް އެނގޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ލިސްޓާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.