ވަޒީރު އިޙްސާން
ދައުލަތުގެ މަޤާމުތައް ފުރުއްވާފައިވާ ފަރާތްތަކުން ވާހަކަފުޅު ދައްކަވާއިރު ރައްޔިތުންނާ މެދު ވިސްނަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަންގު" ޓީވީގައި ވާހަކަފުޅު ދައްކަވަމުން އިޙްސާން ވިދާޅުވީ، މި ސަރުކާރުން ޓިކްޓޮކް އަދި ޓްވިޓަރ ހުއްޓުވުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ދައްކަމުންދަނީ ޙަޤީޤަތާ ޚިލާފު ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ. އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައިނުވާކަން ފާހަގަކުރައްވައި، އިޙްސާން ވިދާޅުވީ މި ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާނެ ކަމަށެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ރައީސް ޝާހިދު ވިދާޅުވެފައިވަނީ، ޓިކްޓޮކް ބްލޮކް ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަޅަމުންދާ ހުރަސްތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމާ ހުރެ މިއަދު ރައްޔިތުންނަށް މި ވެރިކަން ކަމުނުދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ދައުލަތުގެ މަޤާމުތައް ފުރުއްވާފައިވާ ފަރާތްތަކުން ވާހަކަފުޅު ދައްކަވާއިރު، ޒިންމާދާރުކަމާއެކު ވާހަކަފުޅު ދެއްކެވުމަށާއި، ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ވާހަކަފުޅު ނުދެއްކެވުމަށްވެސް އިޙްސާން އިލްތިމާސް ކުރެއްވިއެވެ.
ކޮމެންޓް