މުޖުތަމަޢެއް ކަމަށް ވަންޏާ އެންމެ މުހިންމު އެއްކަމަކީ އެ މުޖުތަމަޢެއްގައި ޢަދުލުއިންޞާފު ގާއިމުކުރުން: ސައްތާރު

މަޖިލީހުގެ ތަޅުމުގައި ސައްތާރު ބިލު ހުށައަޅުއްވަނީ

ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތަކީ ޕްރޮފެޝަނަލް ތަނަކަށް ނުވެއްޖެއްޔާ މާދަމާ އެންމެންގެ މުޢާމަލާތުތަކެއް ވެސް ފަޅާއަރައިގެން ހިނގައިދާނެ ކަމަށް ވިދާޅުވި

މުޖުތަމަޢެއް ކަމަށް ވަންޏާ އެންމެ މުހިންމު އެއްކަމަކީ އެ މުޖުތަމަޢެއްގައި ޢަދުލުއިންޞާފު ގާއިމުކުރުން ކަމަށް ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޙުސްނީ މުބާރިކް ހުށަހަޅުއްވާފައިވާ ގާނޫނު ނަންބަރު /2016 12 (ޖިނާއީ އިޖުރާތުގެ ގާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސައްތާރު ވިދާޅުވީ އިސްލާމީ ޝަރީޢާގައި ހިމާޔަތްކުރެވިފައިވާ ފަސް މަގުސަދުގެ ތެރޭގައި ހިމެނޭ ދެ މަގުސަދު އެއީ މުދާ ރައްކާތެރިކުރުމާއި ފުރާނައާއި ނަފްސު ހިމާޔަތްކުރުން ކަމަށެވެ. އަދި މި ބިލުގައި މި ކަނޑައަޅާފައި ހުރި ކުށްތަކަށް ބަލައިލާއިރުގައި މި މަގުސަދު ހާސިލުކުރުމަށް ޓަކައި ނުވަތަ މި މަގުސަދު ހިމާޔަތްކުރެވޭ ގޮތަށް ހުރި މި ފަދަ ބޮޑެތި ކުށްތަކަށްވާތީ މި ކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މި ޒަމާނުގައި ކުށްކުރާ ވައްޓަފާޅިއަށް، ކުށްކުރަން ބޭނުންކުރާ ވަސީލަތްތަކަށް، ކުށްކުރަން ބޭނުންކުރާ ގޮތަށް ވަރަށް ބޮޑެތި ބަދަލުތައް އައިއްސި. ކުށްވެރިން ވަރަށް ބޮޑަށް އެޑްވާންސްވެއްޖެ. އެހެން ކަމަށް ވަންޏާ އެ ކުށްކުރާ މީހުންގެ ފަހަތުން ތަންފީޒީ އިދާރާތަކުން ނުވަތަ ތަޙުޤީޤީ އިދާރާތަކުން ދާއިރު އެ މީހުންގެ އަތްފައިގައި ކަސްތަޅުއެޅިފައި ހުންނަންޏަކާއެއް މި ކުށްކުރާ މީހުންނާ ހިސާބަކަށް ފަސޭހައިން ވާސިލެއް ނުވެވޭނެ" ސައްތާރު ވިދާޅުވިއެވެ.

ިމި ފަދަ މުޢާމަލާތްތައް ތަންފީޒީ އިދާރާތަކުން ނުވަތަ ތަޙުޤީޤުކުރާ އިދާރާތަކުން މިފަދަ މުޢާމަލާތްތައް ބަލާ ނަމަ، އޭގެ ތެރޭގައި ޒާތީ މުޢާމަލާތް ވެސް ބެލި އެކަން އެންމެންނަށް ހާމަވެގެން ހިނގައިދާނެ ކަމުގެ ބިރު ބަޔެއް ބޭފުޅުންނަށް ހީވެފައިވާ ކަމަށް ސައްތާރު ވިދާޅުވިއެވެ. އެއީ މާޒީގައި ކަން ހިނގާފައި ހުރި ގޮތަށް ބަލައިލާއިރުގައި ބައެއް ކަހަލަ މީހުން ބޭނުންވާ ބައެއް ކަހަލަ މީހުން، ނުވަތަ ބައެއް ބޭފުޅުން ފަޟީޙަތްކުރުމަށް ޓަކައި ވެސް މިފަދަ މުޢާމަލާތްތައް ބޭނުންކޮށްފައި ހުރުމުން ކަމަށްވެސް ސައްތާރު ވިދާޅުވިއެވެ.

"އެހެން ކަމަށްވާތީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަޙުޤީޤީ އިދާރާތަކުން ވަރަށް ބޮޑަށް ކަށަވަރުކަމާ އެކުގައި ކޮންމެކޮންމެ މީހެއްގެ މިފަދަ މުޢާމަލާތެއް ނުބެލޭނެކަން އެނގޭ ގޮތަށް މިކަން ކުރަންޖެހޭނީ. އަދި މިފަދަ ކުށްކުރަން ރާވާ ފަރާތްތަކުން، މިފަދަ ބޮޑެތި ކުށްކުރަން ރާވައި ކުށް ހިންގަމުންދާ ފަރާތްތަކަށް އެބަ އެނގެންޖެހޭ ދިވެހިރާއްޖޭގެ ތަޙުޤީޤީ އިދާރާތަކުން  ބޭނުންވެއްޖެއްޔާ ތިމަންނަމެންގެ މުޢާމަލާތު މިހާރު ބެލޭނެކަން ކޯޓު އަމުރެއްގެ ދަށުން. އެ ބިރުވެރިކަން ވެސް އެ މީހުންނާ ހިސާބުގައި އޮންނަންޖެހޭ. ހަމަ އެއާއެއްކޮށް، ކުށްނުކުރާ މަޢުސޫމް މީހުންގެ މިފަދަ މުޢާމަލާތުތައް ހިމާޔަތް ވެސް އެބަ ކުރެވެންޖެހޭ" ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތަކީ ޕްރޮފެޝަނަލް ތަނަކަށް ނުވެއްޖެއްޔާ މާދަމާ އެންމެންގެ މުޢާމަލާތުތަކެއް ވެސް ފަޅާއަރައިގެން ހިނގައިދާނެ ކަމަށެވެ. އަދި ޕްރޮފެޝަނަލްކޮށް މިކަން ކަށަވަރުކޮށް ޒާތީ ނުވަތަ ކުށަކަށް އަރައިނުގަންނަ މީހެއްގެ ޒާތީ މުޢާމަލާތު ހިމާޔަތްކުރެވިފައި އޮންނަންޖެހޭނެކަން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ ކަމަށްވެސް ސައްތާރު ވިދާޅުވިއެވެ.

"ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި މި ބުނާ މިންވަރަށް ޖިނާއީ ކުށްތައް ކުރާ މީހުންގެ ކުށް ސާބިތުކުރުމަށް ޓަކައި މި ކުށްކުރާ މީހުންގެ ވައްޓަފާޅިއަށް މި އައި ބަދަލުތަކުގެތެރެއިން މި ކުށްކުރާ ގޮތް ބަދަލުވެފައިވާތީ، އެކަންކަމަށް އަޅުގަނޑުމެން އެބަޖެހޭ ޓެކްލްކުރަން. އެހެންވެގެން މި ގާނޫނަށް މިފަދަ އިޞްލާޙުތައް ގެންނަން މި ޖެހެނީ. އަޅުގަނޑުމެންގެ ތަޙުޤީޤުކުރާ އިދާރާތަކުން މަސައްކަތްކުރަމުންދާއިރުގައި އެ މީހުންނަށް ހުރި ހުރަސްތައް އަޅުގަނޑުމެން ޖެހޭ ނައްތައިލަން. ހުރިހާ ލުއި މަގެއް ދިނުމަށްފަހުގައި އަޅުގަނޑުމެންގެ ޤައުމަކީ އަމާން، ރައްކާތެރި ތަނަކަށް ހެދިގެންދާނީ. އެހެންވީމާ، އަޅުގަނޑު ދަންނަވަން އޮތީ ހަމަ އަބަދު ވެސް މި ދަންނަވާ ފަދައިން ޙަޤީޤަތުގައި ވެސް މި އިޞްލާޙަކީ ވަރަށް މުހިންމު އިޞްލާޙެއް. އަދި މި އިޞްލާޙާ ގުޅިގެން، އެއީ ޖިނާޢީ އިޖުރާތުގެ ގާނޫނުގެ /2016 12 (ޖިނާއީ އިޖުރާތުގެ ގާނޫނު) އާއި އަދި ކުރިން މި ތަނުގައި ފާހަގަކުރެވިގެން މިދިޔަ ޤާނޫނުލްޢުޤޫބާތާއި، އަދި 2/2015 ގާނޫނާ މި ތިން ގާނޫނު އެކުވެގެން މި އައި ބަދަލަކީ މި ޒަމާނުގައި މީހުން މި ކުރާ މި ބޮޑެތި ކުށްތަކަށް ހުއްޓުވުމަށް ނުވަތަ ތަޙުޤީޤު ހިންގުމަށް ޓަކައި ތަޙުޤީޤީ އިދާރާތަކަށް، ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ގާނޫނުތަކެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ" ސައްތާރު ވިދާޅުވިއެވެ.

މި ބިލުގެ އިޞްލާޙުގައި ބަޔާންކޮށްފައި ހުރި ކުށްތަކަކީ މީހުން މެރުމުގެ ކުށް، ޓެރަރިޒަމްގެ ކުށް، މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް، މީހުން ޓްރެފިކްކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް އަދި ގާނޫނުތަކުންނާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައި ހުރި ކުށްތަކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.