ވެމްކޯ ވެހިކަލް
އަތޮޅު ތެރޭގައި ކަރަންޓު ބިލާއެކު ކުނީގެ ބިލް ހިމެނުމަށް ނިންމި ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބާތިލުކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނީ މި ބަދަލާއެކު ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭނީ އަދި ހިދުމަތަށް ބިލް ކުރެވޭނީ މި ހިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
އަތޮޅު ތެރޭގައި ކަރަންޓު ބިލާއެކު ކުނީގެ ބިލް ހިމެނުމަށް ނިންމި ނިންމުން ރައީސްގެ ލަފާފުޅުގެ ދަށުން ބާތިލުކޮށްފައިވާކަން ފާހަގަކޮށް ވެމްކޯއިން ބުނީ ބިލަށް ފައިސާ ދެއްކުމުގެ ކަންކަން ވެމްކޯގެ އަތޮޅުތެރޭ ރަށްރަށުގައި ގާއިމުކޮށްފައިވާ އޮފީސްތަކުން ކުރެވޭނެ ކަމަށެވެ.
ވެމްކޯގެ އަވަސްޕޭ ޕޯޓަލުންވެސް ބިލަށް ފައިސާ ދެއްކުމުގެ ކަންކަން ކުރެވޭނެ އިންތިޒާމު ގާއިމުކޮށްފައިވާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ވެމްކޯއިން ކަރަންޓު ބިލާއެކު ކުނީގެ ބިލް ހިމެނުމަށް އޭރު ނިންމީ ވެމްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ފޯރުކޮށްދޭ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ހިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ވެމްކޯއަށް ގަވާއިދުން ނުދައްކާ މައްސަލައަށް ހައްލު ހޯދުމަށެވެ.
ކޮމެންޓް