ކސީއީއޯ މުހައްމަދު ވަޖީހު އިބުރާހިމު
މިއަދު މެންދުރުން ފެށިގެން ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅެން ދަތިވި ދަޑިވަޅުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު މުވައްޒަފުންނާއިއެކު ފެންހިންދަން މަގުމަށްޗަށް ނިކުމެއްޖެއެވެ.
އެމްޕީއެލްގެ ވެހިކަލްތަކާއެކު ސީއީއޯ މުހައްމަދު ވަޖީހު އިބުރާހިމު ފަޓުލޫނު ކަކުލަށް މަހާލައްވައިގެން ހުންނެވި ފޮޓޯއެއް މީސްމީޑިއާގެ ސަމާލުކަމަށް އައުމާއި ގުޅިގެން މި ނޫހުގެ ފަރާތުން މިވަނީ ކިހިނެއްތޯ ބެލުމަށް ކުރި މަސައްކަތުން ފާހަގަ ކުރެވުނު ގޮތުގައި ވަޖީހު އިސްނެންގެވުމަށް ފެން ހިންދުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާނެ ވޮލަންޓިއަރު މުވައްޒަފުން ގޮވައިގެން މަގުމަށްޗަށް ނިކުންނެވީކަމަށް މައުލޫމާތު ލިބެއެވެ.
"މީއަކީ ދައުލަތުގެ ވަކި ވުޒާރާއަކުން ކުރަން ދޫކޮށްލައިގެން ތިބެން ޖެހޭކަމެއްނޫން؛ އިހައްދުވަހު އަޅުގަނޑުމެން ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރީ ނަމޫނާ ދެއްކުމަށް ނުންތޯ؟ ވަޖީހު މި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވިއެެވެ. ސިފައިންނާއި ފުލުހުން ހަރަކާތްތެރިވޭ އެބަ؛ ސިޓީ ކައުންސިލުން މަސައްކަތް އެބަކުރޭ؛ އެހެން ވަކި ފަރުދުން ކުރަމުންދާ މަސައްކަތް އަޅުގަނޑަށް ފެނޭ؛ މިއީ ކާރިސާގެ ވަގުތެއް؛ އަޅުގަނޑުމެން އޮފީހުގައި ހުރި ވަސީލަތްތަކާއެކު މިކަމުގައި ނޫޅެންވީ ސަބަބެއް ނެތެއް ނުންތޯ؟" ވަޖީހު ވިދާޅުވިއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ގަދަވެ މާލެއާއި މެދު ރާއްޖެތެރެއަށް ވަނީ މިއަދު ހަވީރުން ފެށިގެން މިރޭ 11 ޖަހަންދެން އޮރެންޖު އެލާޓް ނެރެފައެވެ.
މެޓް އޮފީހުން މަޢުލޫމާތު ދޭގޮތުގައި ހުޅުލެއަށް 163 މިލިމީޓަރުގެ ވާރޭ ވެހުނުއިރު މާލެއަށް 160 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މިއަދު މެންދުރުން ފެށިގެން މާލެއަށް ދަނީ މެދުނުކެނޑި ވާރޭ ވެހެމުންނެވެ. އަދި، މާލޭގައި އާއްމުކޮށް ފެންބޮޑުވާ މަގުތައް ބަންޑުންވެ، ގޭގެއަށް ފެނުގެ އަސަރުކޮށްފައިވެއެވެ.
މާލޭގެ އިތުރުން، މި ވިއްސާރައިގައި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސްވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ހާއްސަކޮށް މެދު ރާއްޖެ ތެރެ އާއި އުތުރުގެ ބައެއް ރަށްރަށުގައި ގޭގެއަށް ފެން ވަދެ ބޮޑެތި ގެއްލުންތައް ލިބެމުން ދާކަމުގެ މަޢުލޫމާތު ލިބެއެވެ.
ކޮމެންޓް